އީރާނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުއްވި އެމެރިކާގެ އޮފިޝަލުންނާއި ދެކޮޅަށް އީރާނުގެ ކޯޓުތަކުގައި ގާނޫނީ ދައުވާކުރައްވާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

ޓީވީ މެދުވެރިކުރައްވާ ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރޫހާނީ ވިދާޅުވީ، އެމެރިކާއިން ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށާ، އެގޮތުން އީރާނު ފައިސާ ނުވަތަ ރިއާލްގެ އަގު ދަށަށް ދިއުމާ، އެކަމުގެ ނަތީޖާއެއްގެ ގޮތުން ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ދިއުން ނުވަތަ އިންފްލޭޝަންގެ ތަކުލީފުތަކާއި ކުރިމަތިލާންޖެހިފައިވާކަން ރޫހާނީ ވަނީ ފާހަގަކުރައްވާފައެވެ.

އީރާނާއި ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފަށާފައި މިވަނީ، އީރާނުގެ ނިއުކްލިއާ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުން އެމެރިކާ ވަކިވުމަށްފަހުގައެވެ. މި އެއްބަސްވުމުން އެމެރިކާ ވަކިވީ 2018 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ.

އީރާނުގެ ކޯޓުތަކުގައި މިމައްސަލަތައް ބެލުމަށްފަހު މައްސަލަ ސާބިތުވާނަމަ، ބައިނަލްއަގުވާމީ އަދުލާއި ބެހޭ ކޮޓުތަކަށްވެސް މައްސަލަ ހުށަހަޅުއްވާނެ ކަމުގެ އިންޒާރު، ރޫހާނީ ވަނީ ދެއްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރޫހާނީ ވިދާޅުވީ، އީރާނު ފައިސާގެ އަގު ދަށަށް ދާ ދިއުމުގައި ބުރެކި ޖައްސާލުމުގައި އީރާނުގެ ސަރުކާރަށް ކާމިޔާބު ލިބިފައިވާކަމަށާ، ނަމަވެސް ބޭރު ފައިސާ ގަނެވިއްކުމުގެ ބާޒާރުތަކުގެ ހަމަ މަގަށް ރިއާލް އަދި އެޅުވިފައި ނުވާކަމަށެވެ.

އީރާނުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޢަބްދުއްނާސިރު ހިއްމަތީ ވިދާޅުވީ، ފައިސާގެ ބާޒާރުގައި އީރާނާއި ދެކޮލަށް ނަފްސާނީ ގޮތުން ގޮންޖެހުމުގެ ހަނގުރާމައެއް އެމެރިކާއިން ފަށާފައިވާކަމަށާ، ނަމަވެސް މާލީ ބާޒާރުގެ ފުރިހަމަ ކޮންޓްރޯލް އަދިވެސް އޮތީ މަރުކަޒީ ބޭންކުގެ އަތުގައި ކަމަށެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ތަންފީޒުކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ވަނީ މުޒާހަރާތަކެއްވެސް ކޮށްފައެވެ.