ވެރިރަށް މާލޭގައި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެގޮތުން މާލެ އަކީ ހިތްފަސޭހަ ސާފުތަނަކަށް ހައްދަވައިދެއްވުމަކީ ވައުދުފުޅެއް ކަމަށާ ބޯހިޔާ ވަހިކަމުގެ ބިޔަ މަޝްރޫއެއް އިއުލާނު ކުރެވިގެން ދާނެ ކަމަށެވެ. މިމަޝްރޫއު އިއުލާނު ކުރައްވާނެ ތާރީހު ވިދާޅު ނުވިނަމަވެސް ރައީސް ވިދާޅުވީ މާލެ ހިތްފަސޭހަ ކުރުމަށްޓަކައި ހިންގަވާ މަސައްކަތްތަކުގެ ތެރެއިން މާލޭ ޕޯޓް ތިލަފުށްޓަށް ބަދަލު ކުރައްވާ އެސަރަހައްދުގެ ވިޔަފާރީގެ ހުރިހާ މަސައްކަތެއް ތިލަފުށްޓަށް ބަދަލު ކުރެވިގެން ދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބަޔަކު ދިރިއުޅެން ކަމުނުދާނެ ހުރިހާ ސިފަތަކެއް މާލޭގައި އެބަހުރި ކަމަށެވެ. އެހެންކަމުން މާލެއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިވަޑައިގަންނަވާކަންމަށްވެސް ރައީސް ސޯލިހު ވިދާލުވި އެވެ.

"މައްޗަންގޮޅި ދެކުނުގެ ގެއަކުން މީހަކާ ބައްދަލުވެ ކީއްތޯ ކޮށްދޭންވީ އެހީމާ ވިދާޅުވީ ނޭވާލެވޭނެ ގޮތެއް ހަދައިދޭށޭ. މިހިސާބުގައި މާލޭގެ ގޭގޭގެ ކަންތައްހުރީ" މާފަންނު އުތުރު ދާއިރާއަށް ވާދަ ކުރައްވާ އިމްތިޔާޒު ފަހުމީގެ ކެމްޕޭން ލޯންޗް ކުރައްވަމުން ރައީސް ސޯލިހު މިރޭ ވިދާޅުވި އެވެ.

މާލޭގައި ބިދޭސީންނާއެކު ދެލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅޭކަމަށް ހިސާބުތަކުން ދައްކައެވެ.

ރައީސް ސޯލިހު ވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އީވާ އަބްދުﷲގެ ކެމްޕޭނު ހަރާކާތުގައިވެސް މިރޭ ބައިވެރިވެ ވަޑައިގެންފައެވެ. އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މާލެ ކައިރީގައި ފުރިހަމަ ފެސިލިޓީސް ތަކާއެކު ޕިކްނިކް ދާނެ ރަށެށް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށެވެ.

ޕިކްނިކް ދާނެ ރަށެއް ހަމަޖެއްސުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި މިފަދަ ރަށެއް ކޮންމެ އަތޮޅެއްގައިވެސް ހަމަޖައްސެވުމަކީވެސް ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ.