ގދ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަބްދުލް މުޣުނީ މައާފަށް އެދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ ކެންޑިޑޭޓަކަށް އެފަދަ ތުހުމަތެއް ކުރެވޭ ނަމަ އެމީހަކު އަމިއްލައަށް އެފަދަ ކަމެއް މީގެ ފަހުން ނުކުރާނެ ކަމަށް އެއްބަސްވުމާއެކު މައާފަށް އެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ގެވެށި އަނިޔާ އަށް ތުހުމަތު ކުރެވޭ މީހެއްގެ ކެމްޕޭންގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މުޣުނީ އަށް އޮތް އެމްޑީޕީ ތާއީދު އަނބުރާ ގެންގޮސްފައިވަނީ އޭނާގެ ކުރީގެ އަންހެނުން އައިޝަތު ރިޒްނާ އަށް ގެވެށި އަނިޔާކުރި ކަމަށް ރިޒްނާ ތުހުމަތު ކުރުމުންނެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީ އަކީ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާނެ ޕާޓީއެއް ކަމަށާއި، އެ ޕާޓީގެ އަސާސްތަކާ ހިލާފު ސީރިއަސް ތުހުމަތު ތަކެއް ކުރެވިފައިވާތީ މުޣުނީއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

މުޣުނީ ވަނީ އެއީ ސިޔާސީ ބޭނުމަކަށް އިދިކޮޅު ކެންޑިޑޭޓުން ހިންގާ ޖަރީމާއެއްކަމަށް ބުނެ އެތުހުމަތު ދޮގު ކޮށްފައެވެ. އަދި އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހައްގު ހޯދަން މަސައްކަތް ކުރާނެ ކަމަށް މުޣުނީ ވަނީ ވިދާޅުވެފައެވެ.