އައްޑޫގައި އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒެއް ހަދަން މަސައްކަތްކުރާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރައްވާ ތުހުމަތުތައް ސަރުކާރުން މިއަދު ދޮގުކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ އެ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

އުމަރު ކުރެއްވި ތުހުމަތުތަކާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ސިޔާސީ މީހުން ދައްކާ ވާހަކަތަކަށް އެމްއެންޑީއެފުން ކޮމެންޓް ނުކުރާނެ ކަމަށެވެ.

އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރުގެ ބޭނުމަކީ އޮޅުވާލުމެއްގެ ތެރެއިން އިންޑިއާ ސިފައިން ރާއްޖޭގައި ގެންގުޅުން ކަމަށް އުމަރު ވިދާޅުވެއެވެ. އަދި ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރުމުގައި ދިވެހި ސަރުކާރަށް ކޮންޓްރޯލް ނޯންނަ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

މީގެ އިތުރުން އިންޑިއާއިން ރާއްޖޭގައި ބަހައްޓަމުން އަންނަ ރާޑަރުތައް ބެލެހެއްޓުމުގެ ނަމުގައި ވެސް އިންޑިއާގެ އިތުރު ސިފައިން އަންނާނެ ކަމަށް ވެސް އުމަރު ތުހުމަތު ކުރެއްވިއެވެ.

ނަމަވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައި ވަނީ ރާޑަރުތައް ބަލަހައްޓަން އިންޑިއާ ސިފައިން ނުތިބޭނެ ކަމަށެވެ.

އުމަރު ވިދާޅުވި ގޮތުގައި، ހެލިކޮޕްޓަރުތަކުގެ ކޮންޓްރޯލް ދިވެހި ސިފައިންނަށް ނޯންނަ ކަމަށް ކުރީގެ ތިން ޑިފެންސް މިނިސްޓަރަކު އޭނާ އަރިހު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓަރު އެދިވަޑައިގަތުމުން ވެސް ހެލިކޮޕްޓަރު ދުއްވަން އިންޑިއާ ސިފައިން ބައެއް ފަހަރު ދެކޮޅު ހަދާފައިވާ ކަމަށް އުމަރު ތުހުމަތު ކުރެއްވިއެވެ.

ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވެފައި ވަނީ ހެލިކޮޕްޓަރު ދުއްވަނީ ދިވެހިން ނޫން ނަމަވެސް އޮޕަރޭޝަން ކުރިއަށް ދަނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށެވެ.

އުމަރު ތުހުމަތު ކުރެއްވި ގޮތުގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ފައިބަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންގުމުން ވެސް އެ މީހުން ނުފައިބައި ތިބީއެވެ. އެ ދެ ހެލިކޮޕްޓަރަކީ ޗައިނާ އަށް ފާރަލާން ރާއްޖޭގައި ބާއްވާފައި އޮތް ދެ އުޅަނދު ކަމަށާއި ބަލިމީހުން އުފުލުމަކީ ބަހަނާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުމަރު މި ވާހަކަ ދައްކަވާފައި މި ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގަތުމުންނެވެ. އަދި އުމަރު ގެންދަވަނީ ފާޅުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން ގޮވާލައި ހަރަކާތްތަކެއް ވެސް ފަށައިފައެވެ.