ވަޒީރުން ސަސްޕެންޑް ކުރުމަކީ ގާނޫނުއަސާސީ ދަންނަ ކަމެއް ނޫން ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާޒް މިގޮތަށް ދިވާޅުވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ސަސްޕެންޑްކޮށްފައި ހުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެއެވެ. އަދި މަހްލޫފް މައްޗަށް ކަމެއް ހުށަހެޅިއްޖެ ނަމަ އޭނާ ޖެހޭނީ މަގާމުން ވަކިކުރަން ކަމަށް ރިޔާޒު ވިދާޅުވިއެވެ.
"އޭނާ ސަސްޕެންޑްކޮށްފައި ގޭގައި ނުބެހެއްޓޭނެ މިއީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފްކަމެއް އެކަމަކު، އޭރުގައި ކަންކަން ކުރާ މީހުންގެ ނުކުޅެދުންތެރިކަމުން މިހެން ދިމާވަނީ މިއީ އެއްގޮތަކަށް ވެސް އެއްވެސް މީހަކު ގަބޫލުކުރާނެ ކަމެއް ނޫން" ރިޔާޒް ވިދާޅުވިއެވެ.
ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގެންވާނީ އެކަށީގެންވާ ސަބަބަކާ އެކުގައި ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވަޒީރުންގެ މައްޗަށް އެކަށީގެންވާ ސަބަބެއް ނެތި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން ނުވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.
މަހްލޫފް ސަސްޕެންޑްކުރީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާގެ މުއާމަލާތާ ގުޅިގެންނެވެ. ހިޔާނާތުގެ ތަފްސީލީ ރިޕޯޓު އޭސީސީން ހާމަކުރި އިރު، މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. ނަމަވެސް އޭސީސީން ފަހުން މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށް ބުނެފައިވެއެވެ.
އެސްއޯއެފުން ޖަމާކުރި ފައިސާ އަކީ އާއިލާ އިން ހިންގި ފިހާރައަކަށް ޑޮލަރު ގަންނަން ކޮއްކޮއަކު މެދުވެރިވެގެން، ނަގުދު ފައިސާ ދީގެން ހިންގި މުއާމަލާތެއް ކަމަށާއި އެ މުއާމަލާތާ ގުޅޭ ލިޔުންތަކާއި ފައިސާ ދެއްކި ކަމުގެ ރަސީދެއް ވެސް އޭސީސީއާ ހިއްސާ ކުރައްވައިފާއިވާ ކަމަށް ބުނެ މަހްލޫފް ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
ރައީސްގެ ނިންމެވުމަކަށް މަހްލޫފް ސަސްޕެންޑް ކުރުމުން އެ މިނިސްޓްރީގެ ހުރިހާ ކަމެއް މިހާރު ބަލަހައްޓަވަނީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.