ކީސްޓޭޖް ހަތަރެއްގެ ގްރޭޑް ނުވަޔަކަށް މިއަހަރު ތައާރަފްކުރެވުނު ސޯޝަލް ސްޓަޑީޒް އަދި ހެލްތް އެންޑް ޕީއީ ކިޔަވައިދިނުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައި ކީސްޓޭޖް ހަތަރެއްގެ ގްރޭޑް ނުވަޔަކަށް މި އަހަރު ތައާރަފްކުރި ސޯޝަލް ސްޓަޑީޒް އަދި ހެލްތް އެންޑް ޕީއީ ކިޔަވައިދިނުން ވަގުތީގޮތުން ހުއްޓާލަން ނިންމާފައިވަނީ، އެ މާއްދާތައް ކިޔަވައިދިނުމުގައި ސްކޫލްތަކަށް ދަތިތަކާ ކުރިމަތިވެފައިވާތީ ކަމަށެވެ.

"މީގެ އިތުުރުން މި ދެމާއްދާ ކިޔަވައިދިނުމަށް އެކަށީގެންވާ އަދަދަށް ޓީޗަރުން ތައްޔާރުކުރެވިފައި ނުވުމުގެ އިތުރުން، ދަރިވަރުން އިމްތިހާނުކުރާނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށް، ޓީޗަރުން އަހުލުވެރިކުރެވިފައި ނުވާތީ މި ދެމާއްދާ ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑާކަން ނިންމި ވާހަކަ ދަންނަވަމެވެ." އެޑިއުކޭޝަނުން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ މި ބަދަލާއިގުޅިގެން މި ދެމާއްދާ ކިޔަވައިދިނުމަށް ޓައިމްޓޭބަލް ކުރެވިފައިވާ ވަގުތު ބަދަލު ގެނެސްފައިވާނެ ކަމަށާއި، އެވަގުތުގައި މަޖުބޫރު ކޮންމެ މާއްދާއަކަށް (އިސްލާމް، ދިވެހި، އިނގިރޭސީ އަދި ހިސާބު) އެއް ޕީރިއަޑް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.