މި ސަރުކާރުން، ރައްޔިތު މީހާ ބާރުވެރިކުރުވާށޭ ކިޔާފައި، ލޯނެއްގެ ނަމުގައި ފައިސާކޮޅެއް ދީފައި ދޫކޮށްނުލައްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެސްއެމްއީ ބޭންކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ، އިގްތިސޯދީ ގޮތުން ރައްޔިތު މީހާ ދާން ބޭނުންވާ ހިސާބަކަށް، އޭނާގެ އަތުގައި ހިފައިގެން ގެންގޮސްދިނުމަށް ކަމަށެވެ. އަދި ވިޔަފާރި ފަށާނެ ގޮތާއި، ކާމިޔާބު ވިޔަފާރިއެއް ހިންގާނެ ގޮތްތައްވެސް ކިޔައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެސްއެމްއީ ލޯނަށް ކުރިމަތިލާއިރު، ހުށަހަޅަންޖެހޭ ވިޔަފާރީގެ ޕްރޮޕޯސަލް ތައްޔާރުކުރުމުގައި، މާލެއާއި ބައެއް އަތޮޅުތަކުގައި މިހާރު ހިންގަމުން އަންނަ، ހަތް ބިޒިނަސް ސެންޓަރުން އެހީތެރިކަން ފޯރުކޮށްދޭނެ. އަދި ވިޔަފާރިތަކުގެ ހިސާބުކިތާބު ބަލަހައްޓައި، ވިކުރާ ތައްޔާރުކުރާނެ ގޮތުގެ ޢިލްމީ އަދި ފަންނީ ލަފާވެސް ފޯރުކޮށްދެވޭނެ" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ އަމާޒަށް ދާން ގަސްދުކުރަނީ، ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި ރަށްރަށުގައި އަލަށް ވިޔަފާރިއެއް ފެށުމުގެ މަރުހަލާގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމުގެ ގާބިލުކަން، ރަށު ކައުންސިލްތަކަށް ހޯދައިދެއްވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ކޮންމެ ރަށު ކައުންސިލެއްގައި، ތަމްރީނު ލިބިފައިވާ އިކޮނޮމިކް އޮފިސަރުން ބޭތިއްބުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ ފުރުސަތުތައް ފަހިކޮށްދޭއިރު، އެ ފުރުސަތުގެ ބޭނުން ހިފާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، ދިވެހި އާ އުފެއްދުންތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ކަނޑައެޅިފައި އޮންނަ އުސޫލާ އެއްގޮތަށް، ކުދި އަދި މެދު ފަންތީގެ އުފެއްދުންތެރިކަމުގެ އެވޯޑެއް ދިނުމަށްވެސް ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ކުރިއެރުމާއި ލާބަޔަށް، ސަރުކާރުން މިފަދަ ކަންކަން ރާވައި ހިންގާއިރު، މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ނުހަނު ބޮޑަށް ސަރުކާރަށް ބޭނުންވާ ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސިނާއަތްތައް ކުރިއެރުވުމަށް ސަރުކާރުން މިއަދު މި ފެށި ހިދުމަތްތަކަށް، ސަރުކާރުގެ ކުންފުންޏަކުން މިހާރުވެސް ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެގޮތުން ދިވެހި އުފެއްދުންތައް ވިއްކުމަށްޓަކައި، ވެލާނާ އެއާޕޯޓްގެ ޑިއުޓީ ފްރީ ސަރަހައްދުން ހާއްސަ ޖާގައެއް، އެއާޕޯޓް ކޮމްޕެނީން ހަމަޖައްސައިދިނުން. ވަރަށް ކުޑަ އަގެއްގައި އެކަން ހަމަޖައްސަވައިދެއްވީތީ، އެއާޕޯޓް ކޮމްޕެނީގެ ޗެއާމަން މުހައްމަދު އުމަރު މަނިކަށާއި، އެ ކުންފުނީގެ ބޯޑް މެންބަރުންނަށް އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާޕޯޓުން އެފަދަ ޖާގައެއް ހަމަޖެހުމަކީ، ދިވެހި އުފެއްދުންތައް މާކެޓްކޮށް، ރަނގަޅު އަގުގައި ވިއްކުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސިނާއަތްތަކުން އުފައްދާ ތަކެތި، އެއާޕޯޓުގައި ވިއްކުމުގެ ކަންކަން އިންތިޒާމު ކުރާނީ، އިކޮނޮމިކް މިނިސްޓްރީން އުފައްދާފައި އޮންނަ ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު މި ފަށައިގަތް އެސްއެމްއީ ބޭންކުގެ ހިދުމަތާއި [ދަނޑުވެރި ނަފާ ލޯނުގެ ޚިދުމަތަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރައިގެން ދިޔުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށްވާނެކަން ޔަގީން ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ވިޔަފާރިތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ހިނގަމުން ދިޔުމަކީ، ރާއްޖޭގެ އިގްތިސޯދީ ހަމަޖެހުން ދަމަހައްޓަން ލިބޭނެ ވަރަށް ބޮޑު ބާރަކަށްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.