އަލަށް މިއަދު އިފްތިތާހުކުރި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ) އިން މިވަގުތަށް ލޯނު ދޫކުރާނީ މައިގަނޑު ހަތަރު ދާއިރާއަކުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެސްއެމްއީ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ އެސްއެމްއީ ލޯނު ދޫކުރަން ފަށާއިރު، މިވަގުތަށް ނިންމާފައި އޮތީ މައިގަނޑު ހަތަރު ދާއިރާއަކުން ލޯނު ދޫކުރުމަށް ކަމަށާއި، އެއީ ރަށު ފަތުރުގެ ލޯނާއި، ވިޔަފާރި އެހީގެ ލޯނާއި، ދަނޑުވެރި ނަފާގެ ލޯނާއި، ހަރުމުދާ ލޯނު ކަމަށެވެ.

"މި ދެންނެވި ލޯނުތައް އަޅުގަނޑުމެން ދޫކުރާނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަށީގެންވާވަރުގެ ކުޑަ އިންޓްރެސްޓެއްގައި. އަޅުގަނޑުމެންގެ އަމާޒަކީ، ކުރިމަގުގައި ދޫކުރާ މިފަދަ ލޯނުތަކުގެ އިންޓްރެސްޓް މިހާރަށްވުރެވެސް ކުޑަކުރުން" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަމަށް ބަލާއިރު އެއީ، ދިވެހި އަންހެނުންގެ ހިއްސާ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި އެއީ ގައުމީ އުފެއްދުންތެރިކަމުގެ ވަރަށް މުހިންމު ސިނާއަތެއް ކަމަށެވެ. އަދި ދަނޑުވެރިކަމުން ލިބޭ އިގްތިސާދީ ނަފާ އިތުރުކޮށް، ދެމެހެއްޓެނިވި ސިނާއަތަކަށް ހެދުމަށް، ސަރުކާރުން ސިޔާސަތުތަކެއް އެކުލަވައިލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ސިޔާސަތުގެ ތެރެއިން، އެސްއެމްއީ ބޭންކުގެ ހިދުމަތާއެކު، އަޅުގަނޑުމެން މިއަދު މި ފަށާ، [ދަނޑުވެރި ނަފާ] ލޯން ސްކީމްގެ ސަބަބުން، ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުވެ، އުފައްދާ ތަކެތީގެ ފެންވަރު ރަނގަޅުވެގެންދާނެ. އަދި ފައިދާ ހުރި ކާނާ ލިބުމަށް މަގުފަހިވެ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަކީ [ދަނޑުވެރި ނަފާ] ލޯނުގެ އެންމެ މުހިންމު އެއް މަގްސަދު" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ވިޔަފާރި މާހައުލުގައި ހަރަކާތްތެރިވާ، ގާތްގަނޑަކަށް 93 އިންސައްތަ ވިޔަފާރިއަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށެވެ. އަދި އެ ނިސްބަތުން ބަލާނަމަ، ގައުމީ އިގްތިސާދުގެ މައިބަދައަކީ، އެ ބާވަތުގެ ވިޔަފާރިތައް ކަމަށާއި، އަދަދުން ބަލާނަމަ، ބޮޑެތި ވިޔަފާރިތަކުގެ ކެޕިޓަލް އަދަދު ނުވަތަ ރައުސްމާލް އެތައް ބިލިއަނަކުން ގުނާލެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހީންނަށް ވަޒީފާގެ ފުރުސަތުތައް، އެންމެ ގިނައިން އުފައްދައިދެނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަމަށް ރައީސް ވިދާޅުވިއެވެ.