ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާއި ގުޅުމަށް އިނގިރޭސިވިލާތް ދޫކޮށް ސޫރިޔާއަށް ބަދަލުވުމަށްފަހު، މިހާރު އެނބުރި އިނގިރޭސިވިލާތަށް އަންނަ ބޭނުންވާ ހާމަކޮށްފައިވާ ޝަމީމާ ބޭގަމްއާ ބައްދަލުކުރުމަށް އޭނާގެ ވަކީލަށް ހުރަސްއަޅާފައިވާކަމަށް، އެ ވަކީލާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނެފިއެވެ.

ޓެރަރިސްޓުންނަށް ފުރުސަތެއް ނެތް ކަމަށް ބުނެ، އިނގިރޭސިވިލާތުން ވަނީ ޝަމީމާގެ ރަށްވެހިކަން ބާތިލުކޮށްފައެވެ.

ނަމަވެސް އިނގިރޭސިވިލާތަށް އެތެރެވުމުގެ ފުރުސަތު ޝަމީމާއަށް އޮންނަންޖެހޭނެ ކަމަށް އޭނާގެ އާއިލާއިންވެސް ބުނަމުންދާއިރު، ޝަމީމާއާއި ބައްދަލުކުރުމަށް ހުރަސް އަޅާފައިވަނީ މިވަގުތު އޭނާ ދިރިއުޅެމުންދާ ރެފިއުޖީ ކޭމްޕު ކޮންޓްރޯލް ކުރަމުންދާ ސީރިއަން ޑިމޮކްރަޓިކް ފޯސަސް އިން ކަމަށް ޝަމީމާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ތަސްނީމް އަކުންޖީ ވަނީ ހާމަކޮށްފައެވެ.

ގާނޫނީ ވަކީލު ތަސްނީމު ބުނީ، ސޫރިޔާގެ އުތުރުގައި އަޅާފައިވާ އަލް ރޯޖު ކޭމްޕަށް ވަނުމަށް އޭނާ މަސައްކަތްކުރީ، އިނގިރޭސިވިލާތުގެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުމަށްޓަކައި ޝަމީމާގެ ސޮއި ބޭނުންވާތީ އެ ސޮއި ހޯދުމަށާއި، ބައެއް އިރުޝާދުތައް ދިނުމަށް ކަމަށެވެ. އަދި މިފަދަ ކަމެއްގައި ގާނޫނީ ކަންކަން އޮންނާނެ ގޮތަކާއި ބެހޭ ތަފްސީލީ މައުލޫމާތެއް ޝަމީމާއަށް ނޭނގޭނެ ކަމަށްވެސް ޝަމީމާގެ ވަކީލުގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ތަސްނީމު ވަނީ ބުނެފައެވެ.

މިހާރު އުމުރުން 19 އަހަރު ފުރިފައިވާ ޝަމީމާ، އިނގިރޭސިވިލާތް ދޫކޮށް އައިސިސްއާއި ގުޅުނީ 2015 ވަނަ އަހަރުއެވެ. އައިސިސްގައި ހަނގުރާމަކުރަމުންދިޔަ ނެދަލަންޑްސްގެ ހަނގުރާމަވެރިއަކާއި ކައިވެނިކޮށް ޝަމިމާއަށް ދަރިން ލިބުނު ނަމަވެސް އެންމެ ފަހުން ވިހޭ ކުއްޖާވެސް މަރުވިތާ އަދި މަހެއް ނުވެއެވެ. ޝަމީމާ ކައިވެނީގެ ގޮތުން ގުޅުނު ހަނގުރާމަވެރިޔާ މިވަގުތު ހުރީ ޖަލުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިނގިރޭސިވިލާތުގެ ދާހިލީ ވުޒާރާއިން ބުނާ ގޮތުގައި ޝަމީމާގެ ރަށްވެހިކަން ބާތިލުކުރިކަން އޭނާގެ އާއިލާއަށް އަންގާފައިވާނީ ފެބުރުވަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި އޭނާގެ މައިންބަފައިންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ ބަޔަކަށްވާއިރު، އެގައުމުގެ ރަށްވެހިކަން ހޯދުމުގެ ފުރުސަތު ޝަމީމާއަށް އޮންނާނެތީ ކަމަށްވެސްވެއެވެ. ނަމަވެސް ޝަމީމާގެ އަތުގައި ބަންގްލަދޭޝްގެ ޕާސްޕޯޓެއްވެސް ނޯންނައިރު، އޭނާއަކީ ބަންގްލަދޭޝްގެ ރައްޔިތެއް ނޫންކަމަށް ބަންގްލަދޭޝްއިންވެސް ވަނީ ބުނެފައެވެ.

އައިސިސްއާއި ގުޅުމަށް އަމިއްލަ ގައުމު ދޫކޮށް ސޫރިޔާއަށް ހިޖުރަކުރި ގިނަ ބަޔަކު މިހާރު އެނބުރި އުފަން ވަޒަނަށް ދާން ބޭނުންވެގެން އުޅުނު ނަމަވެސް، ގިނަ ގައުމުތަކަކުން އެމީހުން ރަށްވެހިކަން ބާތިލުކޮށް، އެމީހުންނަކީ ޓެރަރިސްޓުން ކަމުގައި ކަނޑައަޅަމުންނެވެ.