މުވައްޒަފަކީ ކާކުން އެނގޭ ގޮތަށް ހުރިނަމަ ވަޒީފާ އަދާ ކުރުމަށް ހުރަހެއް ނެތް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ، ސިވިލް ސާވިސް ގަވައިދުގެ 145 ވަނަ މާއްދާގެ (ށ) ގައި "ސިވިލް ސާވިސްގެ މުވައްޒަފުންގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި" ކަމުގައި ބަޔާން ކޮށްފައި ވުމުގެ މާނައަކީ، މުވައްޒަފު އަޅާފައި ހުންނަ ހެދުމުގެ ބާވަތާއި، ހެދުން އަޅާފައި ހުންނަ ގޮތުގެ ވާހަކަ އެކަނި ނޫން ކަމަށެވެ.

އަދި އޭގެ ތެރޭގައި، ވަޒީފާ އަދާ ކުރާ އިދާރާއަކުން މުވައްޒަފަށް ދޫކޮށްފައިވައި ކާކުކަން އަންގައިދޭ ކާޑާއި، ނަމާއި މަގާމު އެނގޭނެ ފަދަ ޓެގު ބޭނުން ކުރުން ހިމެނޭނެ ކަމަށް ސީއެސްސީން ނެރުނު ސާކިއުލާގައި ވެއެވެ.

އެ ކޮމިޝަނުން ބުނީ، އެ އިދާރާ އަކުން ކަނޑައަޅާ ގޮތެއްގެ މަތިން، މުވައްޒަފަކީ ކާކުކަން ކަށަވަރު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާ އެކު، އެކަށޭނަ، ސިވިލް ސާވިސް ގެ ގަވައިދު ގައި ހުއްދަ ނޫންކަމަށް ބަޔާން ކޮށްފައިވާ ހެދުން ފިޔަވާ، އެހެން ހެދުމެއްގައި ވަޒީފާ އަދާ ކުރުމަށް ހުރަހެއް ނެތް ކަމަށެވެ.

ސިވިލް ސާވިސް ގަވައިދުގައި މުވައްޒަފުންނަށް ހުއްދަ ނޫންކަމަށް ބުނެފައިވާ ހެދުންތަކަކީ:

  1. އަހުލާގީ ގޮތުން އެކަށީގެން ނުވާ ހުތުރު ބަސް، އިބާރާތް، ކުރެހުން، ކާޓޫން، ފޮޓޯ ޖަހާފައި ހުންނަ ހެދުން
  2. ހަންގަނޑު ފާޅުވާފަދަ ތުނި ހެދުން
  3. އެއްވެސް ބާވަތެއް އަދި އެއްވެސް ކުލައެއްގެ ޖީންސް
  4. ފާޅުވާ ގޮތަށް ޖީބުލާފައި ހުންނަ ކުރު އަދި ދިގު ހަރުވާޅު ( މުޅި ހަރުވާޅުގެ އެތަން މިތަނުގައި ޖީބު، އަދި އުފުލިފައި ހުންނަ ޖީބު، ހަރުވާޅު (ޓައިޓު))
  5. ފެން ފައިވާނާއި ޓެނިސް، ޖޮގިން ޝޫޒް އަދި ހާފް ޝޫޒް

ސީއެސްސީން ނެރުނު ސާކިއުލަގައި ވަނީ، 'ދިވެހި ސިވިލް ސާވިސް ގަވައިދު 2014' ގެ 145 ވަނަ މާއްދާ ގައިވާ އިބާރާތް އެކި ގޮތްގޮތަށް މާނަ ކޮށް، ސިވިލް ސާވިސް ގެ ބައެއް އިދާރާތަކުން މުވައްޒަފުންނާ މެދު ތަފާތު ގޮތް ގޮތަށް އަމަލު ކުރަމުން ގެންދާ ކަމަށެވެ.

ސިވިލް ސާވިސް އިން މިހެން ބުނެފައި ވާއިރު، މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތް ދެ މުވައްޒަފަކު 2017 ވަނަ އަހަރު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށްވުމާ އެކު ވެސް އިސްލާމީ ފޭރާން އަޅައިގެން ވަޒީފާ އަދާކުރަމުން ގެންދާ އަދި ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް އެ ހައްގު ދާދި ފަހަކާ ޖެހެންދެން ވެސް، ސަރުކާރުގެ ބައެއް އިދާރާތަކުން ދޫކޮށްފައެއް ނުވެއެވެ.