މަޖިލިސް އިންތިހާބުގައި ވާދަ ނުކޮށް ނަން އަނބުރާ ނަގަން އދ. މަހިބަދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އަލީ އަހުމަދު ހުށައެޅި ހުށަހެޅުން އީސީން ބަލައިގެންފިއެވެ.

ކުރިން ފަސް ކެނޑިޑޭޓުން ކުރިމަތިލި މި ދާއިރާއަށް މިހާރު ވާދަކުރާނީ ހަތަރު ކެންޑިޑޭޓެކެވެ. އޭގެތެރޭގައި ހިމެނެނީ މިހާރު ވެސް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އާއި އަދާލަތު ޕާޓީން އަލީ އާޒިމާއި އަމިއްލަ ދެ ކެންޑިޑޭޓެއް ކަމަށްވާ އަހުމަދު ސުނީލާއި އަހުމަދު ހުސައިނެވެ.

މަހިބަދޫ ދާއިރާއަކީ ކުރިން އެމްޑީޕީ އާއި އަދާލަތު ޕާޓީގެ މަޝްވަރާގެ ދަށުން އެމްޑީޕީން ވާދަނުކުރަން ވާހަކަ ދެއްކި ހަ ދާއިރާގެ ތެރޭގައި ހިމެނޭ ދާއިރާ އެކެވެ.

މަހިބަދޫ ދާއިރާގެ އިތުރުން ދެން އަދާލަތަށް ދޫކޮށްލަން އެމްޑީޕީން ނިންމާފައިވާ ދާއިރާތަކަކީ ވައިކަރަދޫ ދާއިރާ، މަކުނުދޫ ދާއިރާ، ކާށިދޫ ދާއިރާ، މިލަންދޫ ދާއިރާ އަދި ފުވައްމުލަކު ދެކުނު ދާއިރާއެވެ. ނަމަވެސް އެއްބަސްވެފައިވާ ގޮތަށް މި ދާއިރާތަކުން ނަން ނެގުމަށް އީސީއަށް ހުށަހަޅާފައެއް ނުވެއެވެ.
މަހިބަދޫ ދާއިރާގެ އިތުރުން އަދާލަތު ޕާޓީން މި އިންތިހާބުގައި ވާދަކުރަނީ ކެލާ ދާއިރާ އާއި ވައިކަރަދޫ ދާއިރާ އާއި އިނގުރައިދޫ ދާއިރާ އާއި ކާށިދޫ ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި މުލަކު ދާއިރާ އަދި ނިލަންދޫ ދާއިރާ އަށެވެ.