ނ އަތޮޅު މާފަރު އެއާޕޯޓު ތަރައްގީ ކުރާ ފަރާތުން ކުރީ ސަރުކާރާ އެކު ހަދާފައިވާ އެގްރީމެންޓުގައި ވާގޮތުން، އެ މަސައްކަތުގެ ބަދަލުގައި، ރާއްޖޭގެ ފަޅު ރަށެއް ނުވަތަ ރަށްތަކެއް އެ ފަރާތަށް ދޭން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅު ވެއްޖެއެވެ.
މަނަދޫގައި މިއަދު އޮތް އެމްޑީޕީ ކެމްޕޭން ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ އެގްރީމެންޓުގައި، ދޭން ޖެހޭނެ ފަޅު ރަށްތަކެއް ވަކިން ހާއްސަކޮށް ބަޔާން ކޮށްފައި ވާ ކަމަށެވެ. އެކަމަކު ސަރުކާރު ބަދަލު ވީ އިރު ވެސް އެކަން ފުއްދައި ދީފައި ނުވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއާޕޯޓުގެ މަޝްރޫ ހިންގަމުން ދާ ފަރާތާ މަޝްވަރާކޮށް އެ ރަށްތައް ބެލިއިރު، ދޭން ނިންމާފައިވާ ދެ ރަށްވެސް ވަނީ އެހެން ފަރާތަކަށް ކުއްޔަށް ދީފައި ކަމަށެވެ. އެހެން ކަމުން، އެ ފަރާތަށް ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން ކޮށް ދިނުމުގައި ދަތިތަކެއް ދިމާވެފައި ވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ، މާފަރު އެއާޕޯޓު ތަރައްގީ ކުރާ ފަރާތުން، އެއާޕޯޓު ގެ މަސައްކަތް ވަރަށް ބޮޑަށް ނިންމާފައިވާ ކަމަށާއި، ސަރުކާރުން ކޮށްދޭން ވީ ކަންތައްތައް ކޮށްދިނުމަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުށް އެ ފަރާތާ މަޝްވަރާ ކޮށްގެން އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.
މާފަރު އެއާޕޯޓަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީ ފަންޑުން ސިންގަޕޫރުގެ 'ޓަފް އޮފްޝޯ' ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެއާބަސް އޭ 320 މަރުކާގެ މަތިންދާބޯޓު ޖެއްސޭގޮތަށް، 2200 މީޓަރުގެ ރަންވޭ އަކާއެކު، ހަދަންފެށި މާފަރު އެއާޕޯޓަށް، 1000 މީޓަރު އިތުރު ކުރަން، އެއާޕޯޓު ތަރައްގީ ކުރާ ކުންފުނިން މިހާރު ބޭނުންވާކަމަށް ރައީސް ސޯލިހު މިއަދު ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، އޭރުން ދުނިޔޭގެ އެންމެ ބޮޑެތި، އޭ 380 މަރުކާގެ މަތިންދާބޯޓު މާފަރު އެއާޕޯޓުގައި ޖެއްސޭނެއެވެ.