މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑް އޮފް ޕޮލިސް މީޑިއާ ސެންޓާ، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރާ ގުޅޭގޮތުން އޮންލައިން ނޫހެއް ކަމަށްވާ، 'ވަގުތު' ން ޝާއިއުކުރި ލިޔުންތަކެއްގެ މައްސަލަ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބަލަން ފަށައިފި އެވެ.

މިކަމާ ގުޅިގެން އެމްއެމްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، 'ވަގުތު' ނޫހާ، އޒްމިއާ އާ ދެމެދު އުފެދުނު ނުތަނަވަސްކަމާ ގުޅިގެން އެ ނޫހުން ނެރެފައިވާ ބައެއް ލިޔުން ތަކުގެ ޝަކުވާ އެ ކައުންސިލަށް ލިބިފައިވާކަމަށެވެ.

އަދި އެ މައްސަލަ އާ ގުޅިގެން، އެ ކައުންސިލުގެ މެންބަރުންގެ އެދުމުގެ މަތިން، މިއަދު ކުއްލި ބައްދަލުވުމެއް ބާއްވާ އެކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ނޫސް ބަޔާނުގައި ވެއެވެ. މިއަދު ބޭއްވި ކައުންސިލް ބައްދަލު ވުމުގައި، އެ މައްސަލަ ބެލުމަށް، 5 މެންބަރުންގެ ހާއްސަ ކޮމެޓީއެއް އެކުލަވާލާފައި ވާކަމަށްވެސް އެމްއެމްސީން ބުނެއެވެ.

އެ ކޮމެޓީގައި ހިމެނެނީ:

ކައުންސިލު މެމްބަރު އަޒްމީ އަލީ

ކައުންސިލު މެމްބަރު އަހުމަދު އަމީން މުހައްމަދު

ކައުންސިލު މެމްބަރު އަލީ އަހުސަން

ކައުންސިލު މެމްބަރު އަބްދުއްލަތީފު އަހުމަދު

ކައުންސިލު މެމްބަރު ޝިފްޒާ މުސްތަފާ

އެ ކޮމެޓީއިން މައްސަލައިގައި ޝާމިލުވާ 2 ފަރާތް ހާޒިރުކޮށް، މައްސަލަ ބަލާ ނިންމުމަށް ފަހު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރިޕޯޓު ހުށައެޅުމަށް، މިއަދުގެ ކައުންސިލް ބައްދަލު ވުމުގައި ނިންމާފައި ވާކަމަށް ވެސް އެމްއެމްސީގެ ނޫސް ބަޔާނުގައި ވެއެވެ.