ދިވެހި ސަރުކާރަށް ގިނަ ދުވަސް ތަކެއް ވާންދެން ހިދުމަތް ކުރައްވާފައިވާ އަދި ނިޝާން އިތްޒުއްދީންގެ ޝަރަފު އަރުވާފައިވާ، ހ.ބުރެވިމާގޭ މުހައްމަދު ޒާހިރު (ދިގު ޒާހިރު) ގެ ހަށިކޮޅު ފަސްދާނު ލާނީ ރަސްމީ އިއްޒަތުގައި ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރަށް 63 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ، ޒާހިރު އަވަހާރަވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ. އެ މަނިކުފާނުގެ މޫނު ދެއްކުން އޮންނާނީ މިއަދު 15:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. މަރުހޫމް ޒާހިރު ގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ، މިރޭ އިޝާ ނަމާދަށް ފަހުގައި އިސްލާމީ މަރުކަޒުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ މަނިކުފާނުގެ ހަށިކޮޅު ރަސްމީ އިތްޒަތުގައި ފަސްދާނުލުން ގަލޮޅު ސަހަރާގައި މިރޭ އޮންނާނެ ކަމަށެވެ.

ޒާހިރު ދިވެހި ސަރުކާރާ ގުޅިވަޑައިގެންނެވީ އަމީން ދީދީގެ ވެރިކަމުގައެވެ. އެމނިކުފާނު ވަނީ، ވަޒީރުލްއައުޒަމްގެ ހާއްސަ ސެކްރެޓަރީކަން، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީކަން، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމު އަދި ކަސްޓަމްސްގެ ވެރިޔާގެ މަގާމު ފުރުއްވާފައެވެ. އަދި އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގައި، ނާސިރުގެ ޕްރައިވެޓް ސެކްރެޓަރީ ކަމުގެ މަގާމުވެސް ފުރުއްވާފައިވެއެވެ.

މީގެ އިތުރުން، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ފިޝަރީޒް މިނިސްޓްރީގެ ނައިބުކަން ވެސް ޒާހިރު ކުރައްވާފާ ވެއެވެ. އޭގެފަހުން، ޕްރިންސިޕަލް ކަލެކްޓަ އޮފް ކަސްޓަމްސް ކަމުގެ މަގާމާއި، މިނިސްޓަ އޮފް ސްޓޭޓް ކަމުގެ މަގާމު ވެސް ފުރުއްވާފއި ވެއެވެ.

އަދި މީގެ އިތުރުން، އެމް.ޖީ ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ފުޑް ކޮންޓްރޯލާ ކަމުގެ މަގާމާއި، ވައިލެޓް ފެހި ހޮސްޕިޓަލްގެ މެނޭޖަރު ކަމުގެ މަގާމާއި ޝިޕިން ޑިޕާޓްމަންޓުގެ މެނޭޖަރު ކަމުގެ މަގާމާއި ރަޖިސްޓްރޭޝަން ޑިވިޝަންގެ ވަކީލު ކަމުގެ މަގާމު ޒާހިރު ފުރުއްވާފއި ވެއެވެ. އަދި، އެމަނިކުފާނު ވަނީ ފާދިއްޕޮޅު އަތޮޅުވެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަން އަދި ތިލަދުންމަތީ އަތޮޅުވެރިކަންވެސް ކުރައްވާފައެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި، ފާދިއްޕޮޅު މެންބަރުކަމާއި، ކޮޅުމަޑުލު މެންބަރުކަން ވެސް ޒާހިރު ކުރެއްވިއެވެ.

ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި، ބޭފުޅުންގެ ތެރެއިން 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާ ޒާހިރަށް ލިބިވަޑައިގެންފައި ވެއެވެ.

ޒާހިރު އަވަހާރަވީ އިރު އުމުރުފުޅުން 92 އަހަރެވެ. އަދި އަވަހާރަވީ އިރު 7 ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.