ޓެކްސްގެ ގޮތުގައި އަތޮޅުތަކުގެ ރަށްތަކުން ދައްކާ ފައިސާގެ ބޮޑު ބައެއް ސީދާ އެ އަތޮޅަކަށް ހަރަދުކުރުމަށް އެޖެންޑާ 19 އިން ފާސްކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނ ވެލިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތް އެންމެ އަގުބޮޑު ރިސޯޓުތައް އޮތީ ނ އަތޮޅުގައި ކަމަށާއި ދައުލަތައް ބޮޑު ޓެކްސްއެއް ދައްކާފައި އާމްދަނީއެއް ލިބިފައި، އޭގެ ހަގީގީ ފައިދާ އަތޮޅުގެ ރައްޔިތުންނަށް ލިބެންޖެހޭ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރަން ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ލުއި ގޮތެއްގައި އިންޓްރެސްޓް ކުޑަކޮށް ލޯނު ލިބޭނެގޮތް ހަމަޖެހި އެކަން މިހާރު ދަނީ ތަންފީޒު ކުރެވެމުން ކަމަށާއި މަސްވެރިންނަށް ބޭނުން ކުރުމަށް ރާއްޖެ އެތެރެކުރާ ތެލާއި ދަނޑުވެރިކަން ކުރަން ބޭނުންކުރާ ގިނަ އާލާތްތަކުން އިންޕޯޓް ޑިއުޓީ ކަނޑާލެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މާލެ އެކޭ އެއްގޮތަށް ކާޑުގެ ބާވައްތައް އެއްއަގެއްގައި އަންނަ އޭޕްރީލް މަހުން ފެށިގެން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެން ވީމާ އެޖެންޑާ 19 އަށް އެންމެންވެސް ވޯޓު ދޭން ޖެހޭ ކަމަށާ އެޖެންޑާ 19 ގެ ދަށުން މިފަދަ ކަންކަމަށް ހައްލު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.