އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގެންފިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މީ ސުވަރާޖް ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަމަށެވެ. އަދި ރާއްޖެ އައުމުން އަމިއްލަވަންތަކަން އިހްސާސް ކުރެއްވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސުޝްމާގެ މި ދަތުރުގައި، މިހާރު އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ކުރިއަށް އޮތްތަނުގައި ގާއިމް ކުރާނެ އެއްބަސްވުންތަކާ ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

އެކަމަނާއަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އަބްދުﷲ ޝާހިދާއި ފޮރިން މިނިސްޓްރީގެ އިސް ވެރިންނެވެ.

މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް އެކަމަނާ ކުރައްވާނެއެވެ. އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒްއާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން މިނިސްޓާ އޮފް ޑިފެންސް، މިނިސްޓާ އޮފް ފިނޭންސް، މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ، މިނިސްޓާ އޮފް ހެލްތް، މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓާ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް، މިނިސްޓާ އޮފް އެންވަޔަރަންމަންޓް، އަދި މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއެކު ޖޮއިންޓް ބައްދަލުވުމެއް ބާއްވާނެއެވެ. އަދި މި ދަތުރުފުޅުގައި މިނިސްޓާ އޮފް އޮފް ހޯމް އެފެއާޒްއާ ވެސް ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި މަޝްވަރާކުރައްވާނީ މިހާރު ކުރިއަށްދާ އަދި ކުރިމަގުގައި ކުރިއަށް ގެންދެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ސޯލިހް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެއްބަސްވެވުނު ކަންތައްތައް ހިނގަމުންދާ ގޮތާ ބެހޭގޮތުންނެވެ. އެގޮތުން، ތަރައްގީގެ މަޝްރޫއުތަކާއި، ސިއްހީ ދާއިރާއާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖޭގެ ވަޒީރުން އެކި ފަހަރުމަތިން އިންޑިއާ އަށް ވަޑައިގެން އެކި ދާއިރާތަކުން ރާއްޖެއަށް އެހީ ހޯދުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެކުރިން ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން މިދުވަސްވަރު ވަރަށް ބޮޑަށް ބަދަހިވަމުން އައި ނަަމަވެސް ވަކި ހާއްސަ ގުޅުންތަކެއް އެއްވެސް ގައުމަކާ އެކު ރާއްޖެއިން ނުބާއްވާނެ ކަމަށެެވެ.