މާލެ އާސަހަރާގެ އިރުމަތީ ފަރާތުގައި ހުރި މަހާނަ ގާތައް ނެގުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އިއްޔެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ މާލޭ ސިޓީގައި މަރުވާ މީހުން ވަޅުލުމަށް ބޭނުން ކުރަމުންދާ އާސަހަރާގައި ޖާގަ ނެތުމުން، މީހުން ވަޅުލުމަށް ޖާގަ ހެދުމަށް ސަހަރާގެ އިރުމަތި ފަރާތަށް ވެލިއެޅުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

އާސަހަރާގެ އިރުމަތީ ފަރާތުގައި މައްޔިތުން ވަޅުލާފައިވާ ބައިގެ މަހާނަތަކުގައި ޖަހާފައިވާ މަހާނަ ގާތައް މައްޔިތުންގެ އާއިލާ ތަކުން މި މަހުގެ ނިޔަލަށް ނަގައިދިނުމަށް އަންގާފައި ވެއެވެ. އަދި އެ މުއްދަތުގައި މަހާނަ ގާތަށް ނުނަގައިފި ނަމަ، ސިޓީ ކައުންސިލުގެ ފަރާތުން މަހާނަ ގާތައް ނަގާނެ ކަމަށާއި ގާތަށް ނަގައި ވެލި އަޅާ އިރު އެ ގާތަކަށް ލިބޭ ގެއްލުމަށް އެކައުންސިލުން ޒިންމާ ނުވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ ކުރިން އާސަހަރާގައި މީހުން ވަޅުލާނެ ޖާގަ ނެތިގެން މައްޔިތުން ވަޅުލުން ވަނީ ހުޅުމާލެ ސަހަރާއަށް ބަދަލުކޮށްފައެވެ. ނަމަވެސް އަލުން އެތަނުގަ ޖާގަ ހެދުމަށް ފަހު އަލުން އާސަހަރާގައި މީހުން ވަޅުލަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މެއި މަހުގައެވެ.