އަންނަން އޮތް ޖީލު ސަލާމަތް ކުރުމަށްޓަކައި 2012 ވަނަ އަހަރު މި ގައުމުގައި [ބަޣާވާތް] ކުރި މީހުން ތަހުގީގު ކުރުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ގޮވާލައިފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ނ. ވެލިދޫ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ބަސްފުޅުތަކަށް ތާއީދު ކުރައްވާ މިއަދު މުސްތަފާ ވަނީ ދެ ޓްވީޓެއް ކުރައްވާފައެވެ. އެއް ޓްވީޓުގައި ވަނީ ކުރިން ބަޣާވާތް ކުރި ފަރާތްތަށް ތަހުގީގު ނުކޮށްފިނަމަ އަނެއްކާވެސް އެފަދަ ބަޣާވާތެއް ތަކުރާރު ވުމަކީ ކަށަވަރުކަމެއް ކަމަށެވެ.
އިތުރު ޓްވީޓެއްގައި އޭނާ ވިދާޅުވެފައި ވަނީ އިންސާފު ގާއިމު ކުރެވޭނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ ތަހްގީގުކޮށް އަދި ބަޣާވާތްކުރި ފަރާތްތަކަށް ހައްގު އަދަބު ދީގެން ކަމަށެވެ.
ބަޣާވާތަކާ ދިމާލަށް ގޮސް ދާނެކަމަށް އިޝާރާތް ކުރައްވަމުން ރޭ ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދާނެ އަދި އެޖެންޑާ 19 ގައި ހިމަނާފައިވާ ކަންކަން ހަގީގަތަކަށް ހެދުމަށް މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންފުޅުވާ ކަމަށެވެ. އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ސަރުކާރު ހުއްޓި ބޮޑު ބަޣާވާތަކާ ދިމާލަށް އަނެއްކާވެސް މިސްރާބު ޖަހާފާނެ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުން އިންތިހާބުކޮށްފައި އޮތް ވެރިކަމަކަށް ދެވަނަ ފަހަަރަށް އެފަދަ ބަޣާވާތަކާ ކުރިމަތިލާން ޖެހުމަކީ ގައުމު އަނެއްކާވެސް އެތަށް އަހަރެއް ފަހަތަށް ޖެހިދާނެ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ވެއްޓުނީ ފެބްރުއަރީ 7 ވަނަ ދުވަހު އިދިކޮޅުން ކުރި މުޒާހަރާތަކާ ފުލުހުންނާއި ސިފައިން ވެސް ތެދުވެ، އޭރުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ. ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމާއި އަދި ސިޔާސީ ބައެއް އިސްވެރިން ހައްޔަރުކުރުމާ ގުޅިގެން ސަރުކާރާ ދެކޮޅު ހަރަކާތްތައް އޭރު ފެށިގެން ދިޔައެވެ. އެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް އެ މައްސަލަ ބަލަން އެކުލަވައިލި ނެޝަނަލް އިންކުއަރީ ކޮމިޝަނުން ނިންމާފައި ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ.