އަންނަ މަހު ހަވަނަ އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕްކުރަން ބިޑް ހުށަހެޅީ ދެފަރާތަކުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ މެންބަރު، އަހްމަދު އަކްރަމް "ދަޕްރެސް" އަށް މައުލުމާތު ދެއްވަމުން ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕްކުރަން ހުށަހެޅި ބިޑްތައް މިހާރު ދަނީ އިވެލުއޭޓް ކުރަމުން ކަމަށެވެ. އަދި ވަރަށް އަވަހަށް ވޯޓު ކަރުދާސް ޗާޕް ކުރާނެ ފަރާތެއް އިއުލާން ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. އެ އިންތިހާބުގައި މިހާތަނަށް 87 ދާއިރާއަށް 395 ކެންޑިޑޭޓުންގެ ކެންޑިޑަސީ ފޯމު އީސީން ވަނީ ބަލައިގެންފަ އެވެ. މަޖިލިސް އިންތިހާބުގައި މިފަހަރު ބަހައްޓާނީ 497 ވޯޓުފޮށްޓެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ބޭނުންކުރި ވޯޓު ކަރުދާހުގައި ޖަހާ ފަހަގަ ފޮހެވުނު ވާހަކައާއި ޖަހާ ފާހަގަ ތިރިއަށް ފޭބި ވާހަކަ ދެކެވުނެވެ. ނަމަވެސް ވޯޓު ކަރުދާސްތައް ނައްތާލުމުގެ ކުރިން އިލެކްޝަންސް އިން ވަނީ ކަރުދާސްތައް ނޫސްވެރިންނަށް ދައްކާލައިފައެވެ. ވޯޓު ކަރުދާހުގައި އުޅޭކަމަށް ބުނި އެއްވެސް ކަމެއް އޭރު ފާހަގައެއް ނުވެއެވެ. އެކަމާއި ގުޅިގެން ވޯޓު ކަރުދާހުގައިވާ ސެކިއުރިޓީ ފީޗާގެ އިތުރުން، އިތުރު ޔަގީން ކުރުމެއް ހިމެނުމަށްޓަކައި މިފަހަރު ކޮންމެ ވޯޓު ކަރުދާހެއްގައި އިލެކްޝަންސްގެ ތައްގަނޑެއް ޖަހާނެ ކަމަށް އީސީން ބުންޏެވެ. އަދި ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތް ކުރާ ތަނާއި ސެކިއުރިޓީ ރޫމުގައި ވޯޓު ކަރުދާސްތައް ބަހައްޓާ އިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓާނެ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.