ދިވެހިންގެ ޒާތީ މައުލޫމާތު ހިމެނޭ އެޕްލިކޭޝަން އެއް ވިއްކަމުން ދާ ކަމަށް ބުނެ ނޫސްތަކުގައާއި ސޯޝަލް މީޑިއާގައި ފަތުރަނީ ދޮގު މައުލުމާތެއް ކަމަށް، އެޕްލިކޭޝަން އުފެއްދި ފަރާތްކަމަށްވާ، އަބްދުﷲ ޝުހޫދު މިއަދު ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން 'ދަޕްރެސް' އަށް ޝުހޫދު މައުލޫމާތު ދިން ގޮތުގައި، އޭނާ އުފައްދާފައި ވަނީ ކެމްޕޭން މެނޭޖު ކުރާ ސޮފްޓް ވެއާއެކެވެ. އަދި އެ ސޮފްޓް ވެއާ (ބޭނުންކުރާ ފަރާތައް) ބައެއް ކަހަލަ މައުލޫމާތު އަޕްޑޭޓް ކުރެވެން ހުންނާނެކަމަށް ވެސް އޭނާ ބުންޏެވެ.

"އޭތި އޭގެ ޒާތުގަ، އެއީ އޭގަ ހުންނާނެ، ފީޗާސްތަކެއް، އެއީ ބޭނުމިއްޔާ، އެ މީހެއްގެ އެޑިއުކޭޝަނަލް ކޮލިފިކޭޝަން ތަކާ، ކަރަންޓް އެޑްރެހާ، ޕާމެނެންޓު އެޑްރެހާ މިހެން ގޮސް އެއްޗެހިތަކެއް އަޕްޑޭޓް ކުރެވެން ހުންނާނެ" ޝުހޫދު ބުންޏެވެ.

ޝުހޫދު ބުނީ، އެ ފީޗާސްތައް ސޮފްޓް ވެއާގައި ހުރިކަމުގައި ވިޔަސް، އޭނާގެ އަތުގައި، އެކަހަލަ އެއްވެސް މައުލޫމާތެއް ހިމެނޭ ޑޭޓާއެއް ނުހުންނާނެ ކަމަށެވެ. އަދި އޭގެ ޒާތުގައި ސޮފްޓްވެއާގައި، ހިމެނިފައިވާ މައުލޫމާތު ތަކަކީ، އިލެކްޝަނުން އާންމުކޮށްފައިވާ މައުލޫމާތުތައް ކަމަށް ވެސް އޭނާ ބުންޏެވެ.

ޝުހޫދު ވިއްކާ ސޮފްޓްވެއާ އިން ފޯނު ނަންބަރާ، ފޯނުން ބްލޮކް ކޮށްފަ ހުންނަ ނަންބަރުތައް ބެލޭކަމަށް، ފެތުރިފައިވާ ވާހަކަ އާ ގުޅިގެން އޭނާ ބުނީ، ފޯނު ނަންބަރު ބެލޭނެ އެއްވެސް ފީޗާއެއް އޭގައި ހިމެނިފައި ނުވާނެ ކަމަށެވެ. އެކަމަކު(ސޮފްޓްވެއާ ބޭނުންކުރާ ފަރާތަށް) ފޯނު ނަންބަރު އެއަށް ލެވޭނެ ކަމަށް އޭނާ ބުންޏެވެ.

ޝުހޫދު ބުނީ އޭނާ އުފައްދާފައިވަނީ، ކެންޑިޑޭޓުންނަށް ފަސޭހައިން ވޯޓު ލާ މީހުން މެނޭޖް ކޮށްލެވޭނެ އެޕްލިކޭޝަނެއް ކަމަށެވެ.

ޒާތީ މައުލޫމާތު އެކުލެވޭ ޑޭޓާ ބޭސް އެއް ޝުހޫދު ވިއްކާކަމަށް ބުނެ ރިޕޯޓް ކުރި މީހާ އަށް ޝުހޫދު އިންޒާރު ދީފައިވާކަމަށް ބުނެ، ދޮންބެ ނަމުގައި ލިޔެފައިވާ ވާހަކައާ ގުޅިގެން އޭނާ ބުނީ، އެއީ އޭނާ ދަންނަ މީހެއް ކަމަށާއި، އޭނާއަށް ގުޅައިގެން ބިރު ދައްކާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަ މީހެއް އެއީ، އަޅުގަނޑާ އަޅުގަނޑުގެ ރައްޓެއްސަކާ، އޭނާއަށް ގުޅާފަ އަހާލީ، ކިހިނެތް ތޯ ވެގެން ތިއުޅެނީ، އެއްވެސް މައްސަލައެއް އޮތީތޯ، އަހާލީމާ ބުނީ ނެތޭ އެއްވެސް މައްސަލައެއް، އަޅުގަނޑު ބުނީ ދެން އެއްވެސް ކަހަލަ ޑައުޓެއް އޮތީހޭ. އަޅުގަނޑަށް ގުޅާފަ އަހާލި ނަމަ ކިޔާ ދޭނެ ނޫންހޭ، އެއަށް ފަހު އޭނަ އެއިނީ އެހެން ޖަހާފަ" ޝުހޫދު ބުންޏެވެ.

ޝުހޫދު އިތުރަށް ބުނީ، އެޕްލިކޭޝަނާ ގުޅުންހުރި ތަފާތު ވާހަކަތައް މީޑިއާ ގައި ދައުރުވާން ފެށުމުން ފުލުހުންނަށް އެ މައްސަލަ ހުށައަޅާފައި ވާނެ ކަމަށެވެ. އަދި އެ ގޮތަށް އެ ހަބަރު ލިޔުނު މީޑިއާ އެއްގެ އެޑިޓަރަށް ވެސް ގުޅާ ސައްހަ މައުލޫމާތު ދޭން މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ހަބަރު ފެތުރުމުގެ ކުރިން 'ދަޕްރެސް' ފިޔަވާ އެއްވެސް މީޑިއާ އަކުން، އެކަމާ ގުޅުން ހުރި މައުލޫމާތު ހޯދުމަށް އޭނާއަށް ގުޅާފައި ނުވާ ކަމަށެވެ.

މި މައްސަލައާ ގުޅުންހުރި މައުލޫމަތު ހޯދާލުމަށް ފުލުހުންނަށް ގުޅާލުމުން ފުލުހުން ބުނީ، އެޕްލިކޭޝަނާ ގުޅޭ މައްސަލައެއް އެ އިދާރާއަށް ހުށައެޅިފައި ވާކަމަށާއި، އިތުރު މައުލޫމާތެއް މި ވަގުތު މީޑިއާ އާ ހިއްސާ ކުރެވެން ނެތް ކަމަށެވެ.

'ދަޕްރެސް' އަށް އެނގިފައިވާ ގޮތުގައި އެ ސޮޕްޓްވެއާގައި މީހުންގެ ފޮޓޯއާއި ފޯނު ނަންބަރުވެސް ހިމެނެއެވެ. އަދި މީހަކު ބޭނުންވީމާ ފޮޓޯއާއި ނަންބަރު ލެވެންވެސް ހުރެއެވެ.