ޑިމޮކްރަސީއަކީ ހިންދީ ފިލްމެއް ކަމަށާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަކީ ފިލްމުގައި "ކޮމީޑިއަން ކަމަށް" ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ސިފަ ކުރައްވައިފިއެވެ.

ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑިމޮކްރަސީއަކީ ހިންދީ ފިލްމެއް ފަދަ އެއްޗެއް ކަމަށާއި، އޭގައި ލަވައާއި، ތަޅާފޮޅުން އަދި ލޯބީގެ މަންޒަރު ތަކުގެ އިތުރުން ކޮމެޑީ ފެންނާނެ ކަމަށެވެ. އަދި ރާއްޖޭގައި އުމަރު ނަސީރު ހުރުމުން އެންމެން މުނިފޫހި ފިލާކަން ފާހަގަކުރައްވާ ރާއްޖޭގައި އުމަރު ކޮމެޑީ ކުޅެދެއްވާތީ އުފާ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ނަޒީރު ކުރެއްވި ޓްވީޓް

ނިޒާރު މިހެން ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އަޑުއުފުލުމަށް އުމަރު ރޭ ބާއްވަވަން އުޅުއްވި ޖަލްސާއެއް ސަރުކާރުން ހުއްޓުވުމާ ގުޅިގެން އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. ރޭ އާޓިފިޝަލް ބީޗުގައި އުމަރު ނަސީރު ބާއްވަން އުޅުއްވި ޖަލްސާ މެދުކަނޑަލާފައި ވާއިރު އެ ޖަލްސާއަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމާ، އެކަމުގެ ސަބަބުން ކުރިމަތި ވެފައިވާ ކަންބޮޑުވުންތައް ހިއްސާ ކުރައްވަން ބާއްވާ ޖަލްސާއެއް ކަމަށް އުމަރު ވިދާޅުވިއެވެ. ނަމަވެސް ރޭ ބާއްވަން އުޅުނު ޖަލްސާ ސިޓީ ކައުންސިލުން ފުލުހުން މެދުވެރިކޮށް ހުއްޓުވީ އެ ޖަލްސާ ބާއްވަން ތައްޔާރު ކުރި އާޓިފިޝަލް ބީޗަކީ ޕީއެންސީއަށް 5 ގަޑި އިރަށް ދުކޮށްފައި އޮތް ތަނަކަށް ވެފައި އެތާނގައި ޖަލްސަ ބާއްވަން އުޅުއްވީ އުމަރު ކަމަށް ބުނެއެވެ.

އިންޑިއާ ސިފައިންނާ ދެކޮޅަށް އުމަރު އިސްކޮށް ހުންނަވައިގެން، މީގެ ކުރިން ދަރުބާރުގޭގައި ހަރަކާތެއް ބޭއްވެވި އެވެ. އެ ބައްދަލުވުމުގައި އިދިކޮޅު ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އުމަރު ނަސީރު ބާއްވަން އުޅުނު ޖަލްސާގެ ތެރެއިން / ފޮޓޯ: ޓްވިޓާ

އުމަރުގެ ހަރަކާތަށް ފާޑު ކިޔައި، އިންޑިއާ ސިފައިންގެ ނަން ނުގެނެސް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދާދި ފަހުން ވިދާޅުވީ ބަޔަކު ފައްސާލަން ޖެހޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ "ހޮޅި" ވާހަކަތަކެއް ކަމަށެވެ. މާރިޔާގެ ވާހަކައިގައި އެ އިޝާރާތް ކުރެއްވީ އިންޑިއާ އިން ރާއްޖެ އަށް ދިން ދެ ހެލިކޮޕްޓަރު ދުއްވަން އުޅޭ އިންޑިއާގެ ސިފައިންނަށް ކަމަށް ބެލެވެ އެވެ.

ހެލިކޮޕްޓަރުތައް ބެލެހެއްޓުމަށް ގިނަ އަދަަދެއްގެ އިންޑިއާ ސިފައިން ތިބޭ ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް އެންމެ ބޮޑަށް މިހާރުވެސް ވާކާލާތު ކުރައްވަނީ ވެސް އުމަރެވެ.

އުމަރު ނަސީރުގެ ހަރަކާތައް ރައްދުވާ މޭރުމަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް މިއަދު ވާހަކަ ދައްކަވާފައި ވެއެވެ. ރައީސް ވިދާޅުވީ މިނިވަންކަމާ އެކު އަޑު އުފުލައި ހިޔާލު ފާޅުކުރުމުގެ ފުރުސަތު މި ސަރުކާރުން އެންމެނަށް ވެސް ލިބިފައި އޮތަސް ގައުމުގެ މަސްލަހަތާ އަމަން އަމާންކަން ގެއްލުވައިލައި ދޭދޭ ގައުމުތަކުގެ ދެމެދުގައި ފިތުނަ އުފައްދަން ކުރާ އެއްވެސް މަސައްކަތަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ.