ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއް ކަމުގައި ވާ ހ. ބުރެވިމާގޭ މުހައްމަދު ޒާހިރު އަވާހަރަވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ނަމުގައި ޒާހިރުގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ދަންނަވައިފިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ހ.ބުރެވިމާގޭ މުހައްމަދު ޒާހިރު ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވި ހަބަރު އެމަނިކުފާނު އެއްސެވީ ވަރަށް ފުންހިތާމާއާ އެކުގައި ކަމަށެވެ.

ޒާހިރަކީ 63 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް އިޙްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެވަގުތަކު ދައުލަތް ހިންގަވަން ހުންނެވި ކޮންމެ ބޭފުޅެއްގެ އަރިހުގައި ތެދުވެރިކަމާއި، ވަފާތެރިކަމާއެކު ހިދުމަތް ކުރެއްވި ނަމޫނާ ޝަހުސިއްޔަތެކެވެ. އެގޮތުން އޭނާ ދިވެހި ސަރުކާރާ ގުޅިވަޑައިގެންނެވީ އަމީން ދީދީގެ ވެރިކަމުގައެވެ.

އޭނާ ފުރުއްވި ބައެއް މަގާމުތަކުގެ ތެރޭގައި ވަޒީރުލްއަޒަމްގެ ހާއްސަ ސެކްރެޓަރީކަން، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީކަން، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމު އަދި ކަސްޓަމްސްގެ ވެރިޔާކަން ހިމެނެއެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޕްރައިވެޓް ސެކްރެޓަރީ ކަމުގެ މަގާމު ވެސް ފުރުއްވި އެވެ. އޭގެފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ފިޝަރީޒް މިނިސްޓްރީގެ ނައިބުކަން ވެސް ކުރެއްވި އެވެ. އޭގެފަހުން، ޕްރިންސިޕަލް ކަލެކްޓަ އޮފް ކަސްޓަމްސް ކަމުގެ މަގާމާއި، މިނިސްޓަ އޮފް ސްޓޭޓް ކަމުގެ މަގާމު ވެސް ހިމެނެއެވެ.

ޒާހިރު ފުރުއްވި އެހެން މަގާމުތަކުގެ ތެރޭގައި، އެމް.ޖީ ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ފުޑް ކޮންޓްރޯލަކަމުގެ މަގާމާއި، ވައިލެޓް ފެހި ހޮސްޕިޓަލްގެ މެނޭޖަރު ކަމުގެ މަގާމާއި ޝިޕިން ޑިޕާޓްމަންޓުގެ މެނޭޖަރު ކަމުގެ މަގާމާއި ރަޖިސްޓްރޭޝަން ޑިވިޒަންގެ ވަކީލު ކަމުގެ މަގާމު ހިމެނެއެވެ. އަދި އޭނާ ވަނީ ތިން އަތޮޅެއްގެ އަތޮޅުވެރިކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އެއީ، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަމާއި، ތިލަދުންމަތީ އަތޮޅުވެރިކަމެވެ.

ޒާހިރު، އެންމެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވަނީ، ކަސްޓަމްސްގައެވެ. އެގޮތުން، ދެ ފަހަރެއްގެ މަތިން 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކަސްޓަމްސްގެ އެންމެ އިސްވެރިއެއްގެ މަގާމު އަދާކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި، ފާދިއްޕޮޅު މެންބަރުކަމާއި، ކޮޅުމަޑުލު މެންބަރުކަން ވެސް ޒާހިރު ކުރެއްވިއެވެ.

ޒާހިރު އަވަހާރަވީ ރޭ އައިޖީއެމްއެޗްގައެވެ. އަވަހާރަ ވި އިރު އުމުރުފުޅަކީ 92 އަހަރެވެ. އަވަހާރަ ވި އިރު ޒާހިރުގެ 7 ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.