ތ. ދިޔަމިގިލީގައި ހުންނަ ބޯޓުޔާޑުގައި މަސައްކަތެއް ކުރަމުން ދަނިކޮށް ދަގަނޑު ފިލައެއް ވެއްޓި މީހެއްގެ އިނގިލިތައ ބުރިވެއްޖެއެވެ.

ފުލުހުން ބުނީ މި ފިލާ ވެއްޓުނީ ފޯކްލިފްޓުން ފިލާ ތިރި ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 09:15 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ފިލާ ވެއްޓި އަނިޔާވީ ބޯޓުޔާޑުގައި މަސައްކަތް ކުރަން އުޅުނު 36 އަހަރުގެ މުވައްޒަފަކަށް ކަމަށެވެ. އަދި އޭނާގެ ފައިގެ ބައެއް އިނގިލިތައް ބުރިވެފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އަނިޔާވި މީހާ އަށް ފަރުވާދިނުމަށް ތ އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިހާރަކަށް އައިސް މަސައްކަތްކުރާ ތަންތަނުން މީހުންނަށް އަނިޔާ ވުން ދަނީ އާންމު ކަމަކަށް ވަމުންނެވެ. އަދި މިފަދަ ހާދިސާތަކުގައި މީހުންގެ ފުރާނައަށް ނުރައްކާވާފަދަ އަނިޔާތައް ވެސް މީހުންނަށް ލިބެމުން އެބަދެއެވެ. މި ފަދަ ހާދިސާތަކަކީ މަސައްކަތްތައް ފަރުވާތެރިކޮށް ކުރާނަމަ މަދުކުރެވިދާނެ ހާދިސާތަކެވެ.