އަފްޣާނިސްތާނު ސަރުކާރުގެ ގާނޫނީ ހައިބަތާއި ހައިސިއްޔަތަށް އުނިކަން އަންނަ ފަދަ ގޮތަކަށް އެމެރިކާއިން އަމަލުކޮށްފައިވާކަމަށް އަފްޣާނިސްތާނުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުގެ އިސް އޮފިޝަލަކު އެމެރިކާއާއި ބެހޭ ގޮތުން މިފަދަ ރޫހެއްގައި ވާހަކަފުޅު ދައްކަވާފައި މިވަނީ، އެމެރިކާގެ އޮފިޝަލުންނާއި ހަނގުރާމަވެރި ތޯލިބާން ޖަމާއަތާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުސަތު އަފްޣާނިސްތާނުގެ ސަރުކާރަށް ދީފައި ނުވާ މައްސަލައާއި ގުޅިގެންނެވެ.

ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމުގައި އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީއަށް ލަފާއަރުވާ މުޝީރު ޙަމްދުﷲ މުހީބު ވަނީ އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ޒަލްމޭ ޚާލިލްޒާދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަފްޣާނިސްތާނުގެ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލުވާލާ، ސަރުކާރު ބަލިކަށިކޮށް ތޯލިބާނުންގެ ގަދަރު މަތިކުރުމުގައި އޮތީ އެންމެ ބޭނުމެއް ކަމަށްވެސް މުހީބު ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތުން އެމެރިކާގެ ޑިޕްލޮމެޓެއްގެ ގޮތުގައި ކުރިން މަސައްކަތްކުރައްވާފައިވާ ޚަލީލުޒާދުގެ އަމާޒަކީ، އަފްޣާނިސްތާނުގެ ރިޔާސީ ރޭހުގައި ވާދަކުރެއްވުން ކަމަށްވެސް މުހީބު ވަނީ ތުހުމަތު ކުރައްވާފައެވެ.

އެމެރިކާ ސަރުކާރާއި ތޯލިބާން ހަނގުރާމަވެރިންގެ އޮފިޝަލުންނާއި ދެމެދު އެންމެ ފަހުން ދޯހާގައި ކުރިއަށްގެންދިޔަ މަޝްވަރާތައް 16 ދުވަހަށް ދެމިގެންދިޔައިރު، މިމަޝްވަރާތައް ނިންމާލީ ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކަކާއިވެސް އެކުގައެވެ.