ސ.މީދޫ ކައިރިއަށް ބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މާލެއިން ފުރައިގެން ސ.މީދޫ އަށް ދަތުރުކުރި "އަލްމާ" ބޯޓު ފަރަށް އަރާފައިވަނީ އެރަށު ނެރުބައްތީގެ އިރު ދެކުނު ފަރާތަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ މެންދަމު، 02:57 ހާއިރެވެ. އަދި އެ ސަރަހައްދުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވަމުން ދަނީ ޑައިވަރުންނާވެސް އެކުގައެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި މި ހާދިސާ ހިނގި އިރު ބޯޓުގައި 11 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ޕަސެންޖަރުންނާއި ނުވަ ފަޅުވެރިންނެވެ. ޕަސެންޖަރުންގެ ގޮތުގައި ބޯޓުގައި ދަތުރުކުރީ ބިދޭސީ އަކާއި ދިވެއްސެކެވެ. އަދި ފަޅުވެރިންގެ ގޮތުގައި ބޯޓުގައި ތިބީ ފަސް ބިދޭސީންނާއި ހަތަރު ދިވެއްސެކެވެ. ބޯޓުން ޕަސެންޖަރުންގެ ގޮތުގައި ދަތުރުކުރި ދެމީހުން ސަލާމަތްތެރިކަމާއި އެކު މީދޫއަށް ގެންގޮސްދީފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ސްކޮޑްރަންގެ ލޯންޗެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ބޯޓު ފަރަށް އެރުމުން ބޯޓަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އެމްއެންޑީއެފްގެ ޑައިވަރުން ޑައިވްކޮށްގެން ބެލި ބެލުމަށް އެނގުނީ ބޯޓުގެ ވާތް ފަރާތުން ގާތްގަނޑަކަށް ތިން ފޫޓު ހާތަން ފަޅައިގެން ގޮސްފައިވާކަމެވެ. ބޯޓު ފަރަށް އަރުމުން އެއްފަޅިއަށް އަރި އަޅާފައިވާތީ ބޯޓުގައި ހުރި މުދާތައް އެހެން ދޯންޏަކަށް ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑިއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.