ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ކުއްލި ގޮތަކަށް މަރުވެފައިވަނީ 37 އަހަރުގެ ބަންގަދަލޭޝް ރައްޔިތެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މީހާ ވަނީ މީގެ ކުރިން ނޭވާލުމަށް އުނދަގޫވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް ފަރުވާ ދިނުމަށްފަހު އޭނާ ދޫކޮށްލާފައި ވަނިކޮށް ދެވަނަ ފަހަރަށް ހޮސްޕިޓަލަށް ގެންދިޔައީ މޭގައި ރިއްސާތީ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށާއި އެއީ މިއަދު ހެނދުނު 06:17 ހާއިރު ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ކުއްލި ގޮތަކަށް މަރުވަމުން އަންނަ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އަދި ރާއްޖޭގައި ބިދޭސީންނަށް އެކި ވަރުގެ އަނިޔާ ވުމާއި މަރުވުން ވެސް ދަނީ އިތުރުވަމުންނެވެ.