އެމެރިކާއާއި އެމެރިކާގެ އެކުވެރި ގައުމުތަކުން އަފްޣާނިސްތާނުގައި ހަނގުރާމައިގެ ޖަރީމާ ހިންގި ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ހިންގުމުގެ ފުރުސަތު، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) ގެ ޓީމަށް ނުދެއްވާނެ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވެއްޖެއެވެ.

ޕޮމްޕޭއޯ ވިދާޅުވީ، ތަހުގީގު ހިންގާ ޓީމުގެ މެމްބަރުންނަށް ވީސާ ދޫނުކުރެވޭނެ ކަމަށާއި މިވަގުތު ދޫކޮށްފައިވާ ވީސާވެސް ބާތިލުކުރެވޭނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕޮމްޕޭއޯ ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ވެރިކަން ހިންގުމަށް އައި.ސީ.ސީއިން އެމެރިކާއަށް ހުރަސްއަޅަމުންދާކަމަށެވެ. އެހެންކަމުން މި ތަހުގީގުތަކުގައި ޝާމިލުވާ ހުރިހާ ފަރާތްތަކާއި ދެކޮޅަށް، ވީސާގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅޭނެ ކަމަށްވެސް ޕޮމްޕޭއޯ ވިދާޅުވިއެވެ.

ޕޮމްޕޭއޯ ވިދާޅުވީ، ނާއިންސާފުން ހިންގޭ ސަރިޔަތެއްގެ ޝިކާރައަކަށްވެދާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައި އެމެރިކާއާއި އެމެރިކާއާއި އެކުވެރި އަސްކަރިއްޔާގެ މެމްބަރުން ދިރިއުޅެން ޖެހުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، އެފަދަ ކަމަކުން އެ ފަރާތްތައް ހިމާޔަތް ކުރުމުގެ އަޒުމު އެމެރިކާގައި އެބައޮތް ކަމަށެވެ.

ނެދަލަންޑްސްގައި ހުންނަ އައި.ސީ.ސީއާއި ދެކޮޅަށް އެމެރިކާއިން ވާހަކަ ދައްކާތާ ވަނީ ދުވަސްތަކެއްވެފައެވެ. އެމެރިކާއިން ބުނާ ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާއާއި ދެކޮޅަށް ފެންމަތިކުރާ ތުހުމަތުތަކުގެ ތަހުގީގު ހިންގުމުގެ ގާބިލުކަން އެމެރިކާގެ ކޯޓުތަކަށް ލިބިގެންވެއެވެ.

ޕޮމްޕޭއޯ ވިދާޅުވީ އައިސީސީގެ ތަހުގީގު ޓީމުގެ މެމްބަރުންނާއި ދެކޮޅަށް އެމެރިކާއިން ފިޔަވަޅުއަޅަންޖެހުނީ ބައިނަލްއަގުވާމީ ކޯޓަކުން އެމެރިކާގެ އިސްތިގުލާލަށް ނުފޫޒު ފޯރުވަފާނެތީ، އެފަދަ ކަމަކުން ސަލާމަތް ހޯދުމަށް ކަމަށެވެ.

ކަންމިހެންއޮތްއިރު، އެއްވެސް ބަދަލެއް ނައިސް ތަހުގީގުތައް ކުރިއަށްދާނެ ކަމަށް އައި.ސީ.ސީއިންވަނީ ބުނެފައެވެ.