15 މާޗު 2019 ވަނަ ދުވަހަކީ ނިއުޒީލަންޑްގެ ތާރީހު ދުށް އެންމެ ނަމާން ގަތުލުއާންމު ހިންގި ދުވަހުގެ ގޮތުގައި އެގައުމުގެ ތާރީހުގައި ލެއިން ލިޔެވިގެންދިޔަ ދުވަހެވެ. ބަރުހަތިޔާރު އަޅައިގެން ހުރި މީހަކު، ބަރަކާތްތެރި ހުކުރު ދުވަހުގެ ހުކުރު ނަމާދު ވަގުތު، ކްރިސްޓްޗާޗުގެ 2 މިސްކިތަކަށް ވަދެ ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީ، އަޅުކަމުގައި ތިބި 49 މީހަކު މަރާ 48 މީހަކު ޒަހަމްކޮށްލި ބިރުވެރި ދުވަހެވެ.

އެ ވަގުތުކޮޅުގެ ހަނދާންތަކަކީ އެވަގުތު އެތަނުގައި ތިބި އެއްވެސް ބައެއްގެ ހިތުން ފޮހެވިގެންދާނެ ހަނދާނެއް ނޫނެވެ. ނުވިތާކަށް ލޮލުގެ ކުރިމަތިން ފޮހިވެގެންދާނެ މަންޒަރުތަކެއް ނޫނެވެ. ހަމަލާދިން ބްރެންޓޮން ޓެރަންޓް، ފޭސްބުކް ލައިވް މެދުވެރިކޮށް މުޅި ދުނިޔެއަށް އެމަންޒަރުތައް ބްރޯޑްކާސްޓް ކުރަމުންދިޔައިރު، އެ މަންޒަރު ފެނުނު ކޮންމެ މީހެއްގެ ހިތްވެސް ދިޔައީ ގޮސްލާ ރޮމުންނެވެ. ބަޑީގެ ވަޒަންތައް އަމާޒުކުރަމުންދިޔައީ ކުޑައެއް ބޮޑެއް، ޒުވާނެއް މުސްކުޅިއެއް، އަންހެނެއް ފިރިހެނެއް ބެލުމެއް ނެތިއެވެ.

މަސްޖިދުއްނޫރުގައި ހުކުރު ނަމާދު ކުރުމަށް ތައްޔާރުވަމުންދިޔަ އެކަކީ އަންވަރު އަލްސޯލިހުއެވެ. ކަޅު ހެދުމެއްގައި ހުރި ޓެރަންޓް، ތާސްބައި ގަނޑުތަކެއް އުކާލާހެން ބަޑީގެ ވަޒަންތައް ޖަހަމުންދިޔައިރު އަންވަރު ފިލާ ހުރީ މިސްކިތުގެ ފާހާނާ ތެރޭގައެވެ. އޭނާ މަސައްކަތްކުރަމުންދިޔައީ ސަލާމަތީ ބާރުތަކަށް އެކަން އެންގުމަށެވެ. އަންވަރު ކިއާދިން ގޮތުގައި، ބަޑިޖެހި މީހާ ދިޔައީ މުސްލިމުންނާއި ދިމާލަށް އެއްޗިހިތަކެއް ގޮވަމުންނެވެ. ހުތުރު އެއްޗިހިތަކެކެވެ. އަދި "މިއަދު އޭނާ (ޓެރަންޓް)އައިސް އެހުރީ އެ ހުރިހާ އެންމެން މަރާލާން" ކަމަށް އެ ބަޑިޖެހިމީހާ ބުނި އަޑު ރީތިކޮށް އިވުނު ކަމަށް އަންވަރު ބުނެއެވެ. އޭރު އެކަން ނުކުރުމަށް އެދި އެތައް ބަޔަކު ދިޔައީ އާދޭސް ކުރަމުންނެވެ. އެމީހުންގެ ފުރާނަ ދުއްވާ ނުލުމަށް އެދި، އެތައް ބަޔަކު ރޮމުން ދިޔައަޑު އަންވަރަށް އަޑުއިވެމުންދިޔައެވެ. ނަމަވެސް، އެ ގާތިލުގެ ކަންފަތަކަށް އެއަޑު ނީވޭ ފަދައެވެ. އެތާ ތިބިހާ ބައެއްގެ ހަށިގަނޑުން ފުރާނަ ނިކުމެގެން ދަންދެން އެމީހުންގެ ގަޔަށް އޭނާ ދިޔައީ ބަޑިޖަހަމުންނެވެ. މަރުވިކަން ޔަގީން ކުރުމަށް ދެތިން ހަތަރު ފަހަރުވެސް ބަޑިޖަހެހި މަންޒަރު ވީޑިއޯއިން ފެނިގެންދިޔައެވެ.

ނޫރު މިސްކިތަށް ވަދެގެން ދިޔައިރު، އޭނާއާއި މުހާތަބުކޮށް މުސްލިމަކު "ހެލޯ ބްރާދާ"އޭ ބުނެލިއަޑުވެސް މި ވީޑިއޯއިން ސާފުކޮށްވިއެވެ. އެއީ އެމީހާގެ ފަހުބަހެވެ. މުސްލިމު މީހާއަށް ޖަވާބުގައި ލިބުނީ 3 ވަޒަނެވެ.

މަސްޖިއްދުއް ނޫރުގައި ބަޑީގެ ހަމަލާތައް ދީ 41 މީހުން މަރާލިތާ މާ ގިނައިރެއް ނުވެ، ނަމާންކަން ވެރިވީ އެ މިސްކިތާ ގާތްގަނޑަކަށް 5 ވަރަކަށް ކިލޯމީޓަރު ދުރުގައި ހުންނަ ލިންވުޑް އެވެނިއު މިސްކިތަށެވެ. ބަޑި ހިފައިގެން ހުރި މީހަކު އެ މިސްކިތަށް ވަދެ 7 މީހުން މަރާލިއެވެ. އެވަގުތު އެ މިސްކިތުގައި ހުރި އެކަކީ ސައީދު މަޒްހަރުއްދީންއެވެ. ސައީދު ސިފަކުރި ގޮތުގައި، ހަމަލާ ދިން މީހާ ހުރީ ހަނގުރާމަތަކުގައި މީހުން އަޅާ ކަހަލަ ހެދުމެއްގައެވެ. އެމީހަކު ހުރީ ހެލްމެޓެއްވެސް އަޅާފައެވެ.

ބަޑި ހިފައިގެން ހުރި މީހާގެ ހަމަލާތައް އަމާޒުވީ މިސްކިތަށް ވަންނަ ދޮރުކައިރީގައި ނަމާދުކުރަން ތިބި އުމުރުން ދުވަސްވީ މީހުންތަކަކަށެވެ. ބަޑިހިފައިގެން ހުރި މީހާ ބަޑިޖަހަމުން ދިޔައީ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތިއޭވެސް ދެންނެވިދާނެއެވެ. މިސްކިތުގެ ބޭރުން ދިޔަ އަންހެނެއްގެ ބޮލަށް ބަޑިޖެހި މަންޒަރު ވީޑިއޯއިން ފެންނައިރު، އެންމެ ހިތްވަރުގަދަ ފިރިހެނަކަށްވެސް އެ މަންޒަރު ބަލަން ކެއްނުވެއެވެ.

މަސްޖިއްދުނޫރަށް ހަމަލާ ދިން މަންޒަރު ފެނުނު ބައެއް މީހުން ކިއާދީފައިވާ ގޮތުގައި ހަމަލާ ދިން މީހާ ހުރީ، ފައިގެ އެކި ހިސާބުތަކުގައި ބަޑީގެ ވަޒަން މެގަޒިންތައް ބަނދެގެންނެވެ. އަދި އޭނާ ހަމަލާތައް ދެމުން ދިޔައީ އެއްވެސް ވަރެއްގެ ހާސް ކަމެއްވެސް ނެތިއެވެ.

ބަޑިހިފައިގެން ހުރި މީހާ ޖެހިވަޒަނެއް އޭނާގެ ބޮލުގައި ކޭއްތިލާފައި ދިޔަހާ ކައިރިން ދިޔަ އެކަކީ އަފްޣާނިސްތާނުން ރެފިއުޖީއެއްގެ ގޮތުގައި ނިއުޒީލަންޑަށް ބަދަލުވި މިރުވާއިޒުއެވެ. މިރުވާއިޒު ހުރި ދިމާލަށް އެމީހާ ބަޑިޖަހަން ފެށުމުން މިރުވާއިޒު އޮށޯތީއެވެ. ސެންޓިމީޓަރެއްހާ ތިރިން އެވަޒަން ދިޔަ ނަމަވެސް އޭނާ މިއަދު އޮތީހީ މަރުވެފައި ކަމަށް މިރުވާއިޒު ބުންޏެވެ. މިސްކިތް ތެރެއިން ނިކުމެ، ސަލާމަތް ހޯދީ ބަޑިޖަހަން ހުރި މީހާގެ ސަމާލުކަން އެހެން ދިމާލަކަށް ބަދަލުވުމުން ކަމަށް މިރުވާއިޒު ކިއާދިނެވެ.

ބައެއް މީހުން ސަލާމަތްވީ ކުޑަދޮރުތައް ތަޅާލައިގެން މިސްކިތުން ބޭރަށް ނިކުމެގެންނެވެ. އަނެއްބައި މީހުން ސަލާމަތްވީ، މަރުވެގެން ވެއްޓިފައި ތިބި މީހުންގެ ތެރޭގައި، މަރުވެފައި ކަމަށް ހެދިގެން އޮވެގެންނެވެ.

ހުރިހާ ކަމެއް ހިނގަމުންދިޔަ ވަގުތު މިސްކިތް ސަރަހައްދުން ކާރުގައި ދަތުރުކުރަމުންދިޔަ އެކަކީ ކާލް ޕޮމެއާއެވެ. އޮފީސް މުވައްޒަފަކާއިއެކު ކާރުގައި ދަތުރުކުރަމުންދިޔައިރު، މިސްކިތްތެރެއިން ބަޔަކު ދުވެފައި ނިކުމެ، ވެއްޓެމުންދިޔަ މަންޒަރު ކާލްއަށް ފެނުނެވެ. ކަމެއް ގޯސްވެގެން އުޅޭކަން އެނގި، އެދިމާލާ ކައިރިވެ، އަނިޔާ ލިބިފައި ތިބި މީހުންނަށް އެހީވުމުގެ މަސައްކަތް އޭނާ ފެށިއެވެ. އޭރު 5 އަހަރުގެ އަންހެން ކުއްޖަކުވެސް އޮތީ ޒަހަމްވެފައެވެ. އެކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތުގައިވެސް އުޅުނީ ކާލްއެވެ.

ލިންވުޑް މިސްކިތުގައި ހުރި ސައީދު ކިއާދިން ގޮތުގައި، ބަޑީޖަހަމުން ދިޔަ މީހާގެ ހަމަލާތައް މާ ގަދަ ނުވަނީސް، އޭނާގެ އަތުން ކާމިޔާބު ކަމާއިއެކު ބަޑި ވައްޓާލި ޒުވާނަކު އެ ސަރަހައްދުގައި ހުއްޓެވެ. އެއީ މިސްކިތް ބެލެހެއްޓުމުގެ މަސައްކަތުގައި އުޅޭ ޒުވާނެއް ކަމަށާއި، ރެސްލިންގް މެޗެއްހެން ވަގުތު ބޭނުން ހިފާ، ބަޑި ޖަހަމުންދިޔަ މީހާގެ އަތުން ބަޑި ދަމައިގަތް ކަމަށް ސައީދު ކިއާދިނެވެ. އެއީ ދުވަހުގެ ހީރޯ ކަމަށާއި، ބަޑިޖެހި މީހާ ފަހާ އޭނާ (ހީރޯ) ދުވި ކަމަށާއި، ނަމަވެސް ބަޑިޖެހި މީހާގެ ދިފާއުގައި ކާރެއްގައި ބަޔަކު މަޑުކޮށްގެން ތިބި ކަމަށާ، އެހިސާބުން ބަޑިޖެހިމީހާ ކާރުގައި ފިލީ ކަމަށް ސައީދު ކިއާދިނެވެ.