އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ސަރަހައްދީ އިމުގައި ކުށްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް އެމެރިކާގެ ރިޔާސަތުން ނިންމަވާފައިވާ ނިންމެވުމަށް ބާތިލުކުރުމަށް އެމެރިކާގެ ކޮންގްރެސްއިން ނިންމި ނިންމުން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވީޓޯ ކުރައްވައިފިއެވެ.
ކޮންގްރެސްގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން ވެރިކަން ކުރާ ރިޕަބްލިކަންސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ 12 މެމްބަރުންވެސް ސޮއިކުރައްވާފައިވާ ގަރާރު ޓްރަމްޕް ވީޓޯ ކުރައްވާފައިވާއިރު، ޓްރަމްޕްގެ ނުފޫޒެއް ނެތި މި ގަރާރު ތަންފީޒު ކުރުމަށްޓަކައި ގާނޫނު ހަދާ މަޖިލީހުގެ މަތިގެއާއި ތިރިގޭގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެމްބަރުންގެ ތިންބައިކުޅަ ދެބަޔަށްވާ މެމްބަރުންގެ ތާއީދު ހޯދަން ކޮންގްރެސްއަށް ލާޒިމުކުރެއެވެ.
މިއީ ޓްރަމްޕްގެ ރިޔާސީ ދައުރުގައި، ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގަރާރެއް ވީޓޯ ކުރެއްވި ފުރަތަމަ ފަހަރެވެ.
ގަރާރު ވީޓޯ ކުރައްވާ، ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ގައުމުގެ ރައީސްގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ އެންމެ އިސް ވާޖިބަކީ މުޅި ގައުމަށް ހިމާޔަތާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދެއްވުން ކަމަށެވެ. ޓްރަމްޕް ވިދާޅުވީ ކޮންގްރެސްގެ ގަރާރަކީ އެމެރިކާއަށް ނުރައްކާ ގަރާރެއް ކަމަށާއި، މި ގަރާރު ތަންފީޒުކުރައްވައިފިނަމަ އެތައް ބަޔަކު ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށެވެ.
އެމެރިކާގެ ދެކުނު ސަރަހައްދީ އިން ހުރަސްކޮށް އެ ގައުމަށް އެތެރެވާން މަސައްކަތްކުރަމުންދާ ގިނަ މީހުންނަކީ ޖިނާއީ ކުށްވެރިކަމަށް ވިދާޅުވަމުން ގެންދަވާ ބަސްފުޅުތައް ޓްރަމްޕް ވަނީ އަނެއްކާވެސް ތަކުރާރުކުރައްވާފައެވެ.
އެމެރިކާގައި ކުށްލި ނުރައްކަލުގެ އިއުލާން ކުރައްވަން ޓްރަމްޕް ނިންމެވީ، އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ސަރަހައްދީ އިމުގައި ފާރެއް ބިނާކުރުމަށް ބޭނުންވާ ބަޖެޓް ހަމަޖައްސާ ދިނުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ތަކުރާރުކޮށް އިންކާރު ކުރުމުން، ދިފާއީ ވުޒާރާއަށް ކަނޑައަޅާފައިވާ ބަޖެޓުން އެ ފާރު ބިނާކުރުމުގެ ކަންކަން ހަމަޖެއްސެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށްވާތީއެވެ.