ނިއުޒީލަންޑްގް ކްރިސްޓްޗާޗުގެ މިސްކިތްތަކަކަށް އަމާޒުކޮށް ހުކުރު ދުވަހު ދިން ބަޑީގެ ހަމަލާތަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ 4 މީހުންގެ ތެރޭގައި ހިމެނޭ ބްރެންޓޮން ޓެރަންޓްގެ މައްޗަށް، ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލާ، ކޯޓަށް ހާޒިރުކޮށްފިއެވެ.
ޓެރަންޓް ކޯޓަށް ހާޒިރުކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ހުދުކުލައިގެ ޖަލު ޔުނިފޯމެއް ލައިގެން ހުރި އުމުރުން 28 އަހަރުގެ ޓެރަންޓް ކޯޓަށް ހާޒިރުކޮށްފައި ވާއިރު އޭނާގެ މައްޗަށް އަދި އުފުލާފައިވަނީ އެންމެ މަރެއްގެ ދައުވާ ކަމުގައި ވީ ނަމަވެސް، އަދިވެސް އިތުރު ދައުވާތައް އޭނާއާއި ދެކޮޅަށް އުފުއްލާނެ ކަމަށް ބެލެވެއެވެ.
ހުކުރު ނަމާދު ވަގުތު މިސްކިތްތަކަކަށް ވަދެ ދިން ބަޑީގެ ހަމަލާތައް ފޭސްބުކް ލައިވް މެދުވެރިކޮށް ސޯޝަލް މީޑިއާގައިވެސް ޓެރަންޓް ވަނީ ހިއްސާކޮށްފައެވެ.
ހުކުރު ދުވަހުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 49 އަށް އަރާފައިވާއިރު، އެންމެ ފުރަތަމަ އާއިލާއިން މީޑިއާއަށް ނަން ހާމަކޮށްދިން އެކަކީ އުމުރުން 71 އަހަރުގެ ދާއޫދު ނަބީއެވެ. ދާއޫދަކީ 1980ގެ އަހަރުތަކުގައި އަފްޣާނިސްތާނުން ނިއުޒީލަންޑަށް ދިރިއުޅުން ބަދަލުކުރި މީހެކެވެ. އަދި އިތުރު އެއްވެސް މީހެއްގެ އާއިލާއިން މީޑިއާއަށް ނަން ހާމަކޮށްދީފައި ނުވި ނަމަވެސް، ބަންގްލަދޭޝްއާއި އިންޑިއާގެ އިތުރުން އިންޑޮނޭޝިއާގެ ރައްޔިތުންތަކެއްވެސް މި ހަމަލާތަކުގައި މަރުވެފައިވާކަން މިހާރު ވަނީ ކަށަވަރު ކުރެވިފައެވެ.
އަލް ނޫރު މިސްކިތާއި ލިންވުޑް މިސްކިތަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކުގައި 48 މީހަކުވަނީ ޒަހަމްވެފައެވެ. ޒަހަމްވީ މީހުންގެ ތެރޭގައި އުމުރުން އެންމެ 2 އަހަރާއި 13 އަހަރުގެ ކުޑަ ކުދިންވެސް ހިމެނެއެވެ. 11 މީހަކަށް މިހާރުވެސް ފަރުވާ ދެމުން އަންނަނީ ކްރައިސްޓްޗާޗް ހޮސްޕިޓަލުގެ އިންޓެންސިވް ކެއާގައި ކަމަށް ޚަބަރު ލިބެއެވެ.
ޓެރަންޓްއާއި ދެކޮޅަށް ކުރާ ޝަރީއަތުގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އަންނަ އޭޕްރިލް މަހުގެ 5 ވަނަ ދުވަހުއެވެ.