ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަލިކޮށް، ކޯލިޝަންގައި ހިމެނޭ އިސް ފަރާތްތަކުން ކުރި އިހުލާސްތެރި މަސައްކަތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ގަބޫލު ނުކުރެއްވޭނަމަ، އެ ޕާޓީގައި ހުންނަވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެ، ޖޭޕީގެ ރައީސް އަލީ ވަހީދު ޕާޓީން ވަކިވެވަޑައިގެންފާނެ ކަމުގެ އިޝާރާތެއް ދެއްވައިފިއެވެ.

އަލީ ވަހީދު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އެއިރު އިދިކޮޅުގައި ތިއްބަވައިގެން ކުރެއްވި އިހުލާސްތެރި މަސައްކަތްތައް ޖޭޕީގެ ލީޑަރަށް ގަބޫލު ނުކުރެއްވޭނަމަ، އެ ޕާޓީގައި އެންމެ ސިކުންތަކު ވެސް ހުންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ކުރި އިހުލާސްތެރި މަސައްކަތްތައް ޖުމްހޫރީ ޕާޓީއާއި އެ ޕާޓީގެ ލީޑަރަށް ގަބޫލު ނުކުރެވޭ ނަމަ، ނުވަތަ އިތުބާރު ނެތިއްޔާ އެ ޕާޓީގަ އެންމެ ސިކުންތަކު ވެސް ހުންނާކަށް ބޭނުމެއް ނޫން. އަދި ސަރުކާރާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް އެ މަސައްކަތާއި އިތުބާރު ނެތްނަމަ ހިނދުކޮޅަކަށް ވެސް ސަރުކާރުގެ މަގާމުގައި ހުންނާކަށްވެސް ބޭނުމެއް ނޫން" އަލީ ވަހީދު ވިދާޅުވިއެވެ.

ޖޭޕީން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާއިދު ކުރައްވާނެކަން ގާސިމް ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައި އެކަމަށް ފާޑުވިދާޅުވަމުން، އަލީ ވަހީދު ވިދާޅުވީ ކުރިއަށް އަޅާ އެއްވެސް ފިޔަވަޅެއްގައި ޔާމީނާއި، އެމަނިކުފާނުގެ އަނބިކަނބަލުންނާއެކު ކުރިއަށް ވަޑައިގަންނަވާން ބޭނުންފުޅު ނުވާ ކަމަށާއި، ޔާމީންގެ އަނިޔާވެރިކަން ދުވަހަކު ވެސް ހިތްޕުޅުން ނުފިލާނެ ކަމަށެވެ.

މީގެ އިތުރުން ޔާމީނާ އުފެދުނު ދެކޮޅުވެރިކަމަށް ވުރެ ބޮޑަށް ޖޭޕީ އަދި އެމްޑީޕީން ދެކޮޅުވެރިކަން އުފެދިއްޖެނަމަ ކޯލިޝަންގެ ލީޑަރުންގެ ގާބިލް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. ޖޭޕީން ވަކިވެވަޑައިގަންނަވާނެ ކަމުގެ އިޝާރާތް އަލީ ވަހީދު ކުރައްވާފައިވާ އިރު، އޭނާ ވަނީ ރައީސް ސޯލިހުގެ ވެރިކަން ދިފާއު ކުރެއްވުމަށް އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަލީ ވަހީދު ޖޭޕީން ވަކިވެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައިވާ އިރު، މިނިސްޓަރުކަމުން އޭނާ އިސްތިއުފާ ދެއްވުމަށް ގާސިމް ވިދާޅުވި ކަމަށް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ. ޖޭޕީއާއި އެމްޑީޕީގެ ދެމެދުގައި ކޯޅުން ބޮޑުވެފައި ވާއިރު، ޖޭޕީން ޕީއެންސީއަށް ތާއިދުކުރަން ނިންމި ނިންމުން އަލީ ވަހީދު ވަނީ ކުށްވެރި ކުރައްވާފައެވެ. އަލީ ވަހީދު ވަނީ ބޭއިންސާފުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ.

"ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން. އަދިވެސް 23 ސެޕްޓެމްބަރާ ހަމައަށް އަނިޔާވެރިކަމާ ދެކޮޅަށް ގުރުބާންވި، އެމްޑީޕީ، ޖޭޕީ، އަދާލަތު ޕާޓީ އަދި އެމްއާރުއެމްގެ ކެންޑިޑޭޓުންނަށް ތާއިދުކުރަން ނިކުންނާނަން. ހައްގު މަގުގައި ހުރެގެން ކުރިމަތިވެދާނެ ކަމަކަށް ޖެހިލުމެއް ނުވޭ" އަލީވަހީދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ސިޔާސީ ބޭނުމަށް ކަންކަން ކުރެއްވުމުގެ ވިސްނުމެއް މިހާރު ނެތް ކަމަށާއި، ދެން މަސައްކަތް ކުރައްވާނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށެވެ. އަދި މަގާމު ސަރުކާރުން އަދި ޕާޓީން ގެންދިޔަޔަސް މައްސަލައެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.