ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތުކުރެވޭ ހ. ލޮބީ ހުސައިން ހުމާމުގެ ޝަރީއަތާއި އޭނާއަށް ކުރި ހުކުމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޓީން ނެރުނު ރިޕޯޓުގައި ހުމާމު ވަގުތުން ދޫކޮށްލަން ބުނެފައިވާތީ، އެކަމާއި ގުޅިގެން ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ހުމާމުގެ ޝަރީއަތް ކޯޓުގައި ކުރިއަށް ގެންގޮސް ޖަލަށްލާން ހުކުމް ކޮށްފައިވަނީ އުޝާމް ޑެޕިއުޓީ އޭޖީ ކަމުގައި ހުންނަވަނިކޮށެވެ. އަދި އޭނާ މަގާމުން އިސްތިއުފާ ދެއްވީ މި އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ.

އަމިއްލަ ގޮތުން ވިލިމާލޭ ދާއިރާއަށް ވާދަ ވެސް ކުރައްވަމުން ގެންދަވާ އުޝާމް ވިދާޅުވީ ހުމާމުގެ ޝަރީއަތާއި، އޭނާ އަށް ކުރިި ހުކުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އަދި ހުމާމުގެ މައްސަލައެއްގައި ދުވަހަކު ވެސް ކޯޓަށް ވަޑައިގެންފައި ނުވާނެ ކަމަށެވެ.

މީގެ އިތުރުން އޭޖީ އޮފީހުން ކުރިން ގޯސް ގޮތަކަށް ކަމެއް ކޮށްފައި އޮތްކަމަށް ގަބޫލު ކުރެވޭނަމަ، މިހާރުގެ އޭޖީ އިބްރާހީމް ރިއްފަތަށް ހުށަހަޅުއްވައިގެން އެ ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރެއްވުމަށް ވެސް ނާޒިމްގެ ވާހަކައަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވިއެވެ.

"ސިޔާސީ މަގްސަދަށްޓަކައި މީހުންނާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް" އުޝާމް ވިދާޅުވިއެވެ.

ގާނޫނީ ވަކީލު ނާޒިމް ކުރެއްވި ޓްވީޓުގައި ވަނީ އދ. ގެ ނިންމުމުގައި ހުމާމަށް ބަދަލު ދޭންޖެހޭނެ ކަމަށް ބުނެފައިވާ ކަމަށާއި، މިއީ އުޝާމް މަގާމުގައި ހުންނެވި އިރު ކުރެއްވި ކަންކަމުން ވީ ގޮތް ކަމަށް ވިދާޅުވެފައެވެ.

އދ. ގެ ރިޕޯޓުގައި ވާ ގޮތުން ހުމާމުގެ މައްސަލައިގައި އަލުން ދައުވާ ކުރަން ފެންނަ ކަމުގައި ވާނަމަ، މުއާހަދާގެ 6 ވަނަ މާއްދާއާ 14 ވަނަ މައްދާ އާ އެއްގޮތް ވާގޮތުގެ މަތީން އިންސާފުވެރި ޝަރީއަތެއް ކަށަވަރު ކުރުމަށް، ދައުލަތުގެ މައްޗަށް ލާޒިމުވާ ކަމަށް ބަޔާން ކޮށްފައިވެއެވެ. އެ ގޮތުން މައްސަލަ ކުރިއަށް ގެންދިއުމަށް ނަފްސާނީ ގޮތުން ހުންނަންޖެހޭ ގާބިލުކަން ހުމާމްގެ ކިބައިގައި ހުރިތޯ ބެލުމަށް، ސައިކޭޓްރިކް ޓެސްޓެއް ހެދުމުގެ އިތުރުން ހުމާމް އަށް ދޭންޖެހޭ މާލީ ބަދަލު ދައުލަތުން ދޭން ޖެހޭނެ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން ހުމާމް ދޫކޮށްލުމަށާއި އޭނާއަށް ބަދަލު ދިނުމަށް، އދ. އިން ސަރުކާރަށް އަންގާފާ ވާކަމަށް، މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަދި އދގެ ދީނީ މިނިވަންކަމާ ބެހޭ ހާއްސަ ރެޕަޓުއާ އަހުމަދު ޝަހީދު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ހުމާމުގެ މައްސަލަ އާ ގުޅިގެން ނިންމަފައިވާ ނިންމުން، ދިވެހި ބަހަށް ތަރުޖަމާކޮށް އާންމުކުރުމަށް ވެސް ސަރުކާރަށް އދ.ން އަންގާފައި ވާކަމަށް ވެސް ޝަހީދު ވަނީ ވިދާޅުވެފައެވެ.