ނާމާންކަން ފެށިގެން ދިޔައީ ކަޅު އަނދިރި ހެދުމެއްގައި، ބަޑިހިފައިގެން ހުރި މީހަކު އަލް ނޫރު މިސްކިތުގައި ހަމަލާ ދޭން ފެށި ހިސާބުންނެވެ. އޭރު މިސްކިތުގެ ޖަމާއަތުގައި ހުކުރު ނަމާދު ކުރިއަށް ދަނީއެވެ.

މިމަންޒަރުތައް އެންމެ ގާތުން ފެނި ސަލާމަތްވި މީހުން މިހާރު ދަނީ އެމީހުންގެ ވާހަކަތައް މީޑިއާއާއި ހިއްސާކުރަމުންނެވެ. މަންޒަރު ދުށް މީހުން ކިއާދިން ގޮތުގައި، ބަޑީގެ އަޑުފަށްގަނޑު އިވުމާއެކު އެމީހުންނަށް ދުއްވައިގަނެވުނީއެވެ.

މީޑިއާއަށް އަދި ނަން ހާމަކޮށްފައި ނުވާ އެކަކު، ލެއިން ފޯވެފައިވާ ހެދުމެއް ލައިގެން ހުރެ ކިޔައިދިން ގޮތުގައި، ބަޑި ހިފައިގެން ހުރި މީހާ، އެހެން މީހެއްގެ ސީދާ މެޔަށް ބަޑިޖެހިތަން އޭނާއަށް ރަނގަޅަށް ފެނުނެވެ. އެމީހާ ލަފާކުރާ ގޮތުގައި 20 މިނެޓަށް ބަޑީގެ ހަމަލާތައް ދެމިގެން ދިޔައެވެ. އަދި 60 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވުން އެކަށީގެންވާކަމަށްވެސް އޭނާ ކިޔައިދިނެވެ.

"ހީވަނީ ވަޒަން ހުސްވެގެންހެން ބަޑިޖެހުން ހުއްޓާލީ. އޭރުވެސް އަހަރެން ދިޔައީ އޭނާ އަތުން ވަޒަން ހުސްވޭތޯ ދުއާ ދަންނަވަމުން" އެ ބިރުވެރި ވަގުތުކޮޅުގެ ވާހަކަ މީޑިއާއި ހިއްސާކުރަމުން އޭނާ ކިއާދިނެވެ.

މިސްކިތުގައި ފިރިހެނުން ނަމާދުކުރާ ސަރަހައްދުގައި ހަމަލާތައް ދިނުމަށްފަހު، ބަޑި ހިފައިގެން ހުރި މީހާ ދެން މިސްރާބު ޖެހީ އަންހެނުންނަށް ހާއްސަކޮށްފައިވާ ސަރަހައްދަށެވެ.

މި ހާދިސާއިން ސަލާމަތްވި އެކަކު ބުނީ އޭނާ ސަލާމަތްވީ ބަޑިޖަހަމުން ދިޔަ މީހާއަށް ފިލައިގެން ކަމަށެވެ. ބަޑި ހިފައިގެން ހުރި މީހާގެ ހަމަލާތަކުން ސަލާމަތް ވުމަށް، ބައެއް މީހުން ކުޑަދޮރުތައް ހަލާކު ކޮށްލައިގެންވެސް ފިލި ކަމަށް އޭނާ ކިޔައިދިނެވެ.

ރޭޑިއޯ ނިއުޒީލަންޑާ ވާހަކަ ދައްކަމުން އޭނާ ބުނީ، ބަޑި ހިފައިގެން ހުރި މީހާ ހުރީ އެންމެ މީހެއްގެ ހަށީގައި ފުރާނަ ހުއްޓަސް ދޫދޭ ގޮތަކަށް ނޫން ކަމަށެވެ.

މި ހަމަލާއިން ސަލާމަތްވި އެކަކީ ފުރޮޅުލީ ގޮނޑިއެއްގައި އިން ފަރީދު އަހުމަދެވެ. އޭނާ ސިފަކުރި ގޮތުގައި، ހާދިސާ ހިނގި ސަރަހައްދުގައި އެތައް ސަތޭކަ ވަޒަނެއް އޮތެވެ.

ދެވަނަ ހަމަލާ އަމާޒުވީ ލިންވުޑް މަސްޖިދަށެވެ. އެ ހަމަލާ ދީފައިވަނީ ސައިކަލު ދުއްވާ އިރު އަޅާ ކަހަލަ ކަޅު ހެލްމެޓެއް އަޅައިގެން ހުރި މީހެއް ކަމަށް ވެއެވެ. އޭރު މިސްކިތް ތެރޭގައި 100 އެއްހާ މީހުން ނަމާދުކުރަމުން ދިޔައެވެ.

ދެވަނަ ހަމަލާ އައީ އަލްނޫރު މިސްކިތަށް ހަމަލާދިންތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

މަންޒަރު ދުށް މީހަކު ބުނީ، ލިންވުޑް މިސްކިތަށް ހަމަލާ ދިން މީހާ ކޮންމެވެސް އެއްޗިހިތަކެއްވެސް ކިޔަމުންދިޔަ ކަމަށެވެ.

މި ހަމަލާތަކާއި ގުޅިގެން ކްރިސްޓްޗާޗް ސަރަހައްދު ވަނީ އެލާޓަށް ގެނެސްފައެވެ. އަދި ވީ ވަރަކުން އެންމެން ގެތަކުގައި ތިބުމަށްވެސް ނިއުޒީލަންޑްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.

ނިއުޒީލަންޑްގެ ތާރީހު ދުށް އެންމެ ވަރުގަދަ ޓެރަރިސްޓް ހަމަލާއާއި ގުޅިގެން 3 ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށްފައި ވާއިރު 1 ގެ މައްޗަށް މިހާރު ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލާފައި ވާކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.