އަންނަ މަހު ހަވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވޯޓާ ބެހޭ ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފު ގޮވައިލައްވައިފިއެވެ.

ޝަރީފްގެ ވިދާޅުވީ، މަޖިލީސް އިންތިހާބުގައި ވޯޓު ލާން ރަޖިސްޓްރީ ނުކުރާ ނަމަ މި އިންތިހާބުގައި ވޯޓު ލެވޭނީ 2018ގެ ރިޔާސީ އިންތިހާބުގައި ވޯޓު ލީ ތަނަށް ކަމަށެވެ. އަދި ރީ ރަޖިސްޓްރީ ކުރި ނަމަ ރަޖިސްޓާ ކުރި ތަން ނޫން ތަނަކަށް ވޯޓު ނުލެވޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވޯޓު ނުލާ މީހުންނަށް ވޯޓު ލެވޭނީ، އިންތިހާބުގައި ވޯޓު ލާން ރަޖިސްޓްރީ ކުރި ތަނެއްގައި ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ރަޖިސްޓްރީ ނުކުރާނަމަ، އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ ވޯޓު ފޮށްޓަކަށް މަޖިލީސް އިންތިހާބުގައި ވޯޓު ލެވޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

މިފަހަރު ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނަސްފައެވެ. މި އިސްލާހުގެ ދަށުން އެ ގާނޫނުގެ 56 ވަނަ މާއްދާގެ ހަތަރުވަނަ ނަމްބަރުގެ ފަހަތަށް، ފަސްވަނަ ނަންބަރު އިތުރުކޮށް ނަންބަރު ވަނީ ތަރުތީބު ކުރެވިފައެވެ. އިތުރުކުރި ފަސްވަނަ ނަންބަރުގައި ބުނެފައި ވާގޮތުން، "މި ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާ ގޮތުގެ މަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު" ބާތިލުވާނެއެވެ.