ހަތިޔާރު އަޅައިގެން ތިބި ބަޔަކު، ނިއުޒީލަންޑްގެ ކްރައިސްޓްޗާޗުގައި ހުންނަ ދެ މިސްކިތަކަށް ވަދެ 49 މީހުން މަރާލި ހާދިސާ ކުށްވެރިކުރައްވާ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ލީޑަރުން އަޑުއުފުއްލަވައިފިއެވެ.

20 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، މިހަމަލާތައް ދީފައިވަނީ ހުކުރު ނަމާދު ވަގުތުގައި ކަމަށް ޚަބަރު ލިބެއެވެ. ހަމަލާ ދިން މީހުން ވަނީ، އެ އަމަލު ހިންގި މަންޒަރުތައް، ބޮޑީ ކެމްގެ އެހީގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވްވެސް ކޮށްފައެވެ.

ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީންޑާ އެޑާން ވިދާޅުވީ މި ހަމަލާތަކަކީ ދުރާލާ ރާވައިގެން ދީފައިވާ ޓެރަރިސްޓް ހަމަލާތަކެއް ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު މުސްލިމު އާބާދީއެއް އޮންނަ އިންޑޮނޭޝިއާއިންވެސް މި ހަމަލާތައް ކުށްވެރިކޮށްފައިވާއިރު، އެގައުމުން ދަނީ ނިއުޒީލަންޑްގެ އެއްވެސް މީހަކަށް މިހަމަލާތަކުގައި ގެއްލުމެއް ލިބުނު ތޯ ނުވަތަ ނޫންތޯ ބަލަމުން ކަމަށް ޚަބަރު ލިބެއެވެ. ހަމަލާ އަމާޒުވި މިސްކަތްތަކުގެ ތެރޭގައި އިންޑޮނޭޝިއާގެ 6 މީހަކު ތިބިކަމަށާއި، އޭގެ ތެރެއިން 3 މީހަކަށް ވީ ގޮތެއް އަދި ކަށަވަރު ނުވާކަމަށް އިންޑޮނޭޝިއާގެ ހާރިޖީ ވަޒީރު ރެތްނޯ މަރުސޫދީ ވަނީ ވިދާޅުވެފައެވެ.

މުސްލިމުންގެ މެޖޯރިޓީ އޮންނަ މެލޭޝިއާގެ ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު އަންވަރު އިބްރާހީމް ވިދާޅުވީ، މި ހަމަލާތަކަކީ މުޅި އިންސާނިއްޔަތާއި ދުނިޔޭގެ ސުލްހައަށް ކުރިމަތިވި އަނދިރިކަންގަދަ ހިތާމައެއް ކަމަށެވެ. މި ހަމަލާތަކުގައި މެލޭޝިއާގެ އެކަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަންވެސް އަންވަރު ވަނީ ހާމަކުރައްވާފައެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާންގެ ތަރުޖަމާނު އިބްރާހީމް ކަލީން ވިދާޅުވީ މި ހަމަލާތަކަކީ ނަސްލީ ތަފާތުކުރުންތަކުގައި ހައްދުފަހަނައަޅާ ގޮސްފައިވާ އަމަލެއްކަމަށެވެ. ޓުވީރު ކުރައްވަމުން ކަލީން އިތުރަށް ވިދާޅުވީ، މި ހަމަލާތަކަކީ އިސްލާމް ދީނާއި މުސްލިމުންނާއި ދެކޮޅަށް އޮތް ދުޝްމަނުކަން ބަޔާންކޮށްދޭ ހަމަލާތަކެއް ކަމަށެވެ. އަދި އިސްލާމުންނާއި ދެކޮޅަށް ފެތުރެމުންދާ މިފަދަ ފިކުރުތަކާއި ދެކޮޅަށް އަޑުއުފުލަންޖެހޭކަމަށްވެސް ކަލީން ވަނީ ވިދާޅުވެފައެވެ.

ހުކުރު ދުވަހުގެ ހަމަލާތަކާއި ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ކުށްވެރިކުރެއްވީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ހަމަލާތަކަށް ފަހު އިސްލާމުންނާއި ދެކޮޅަށް ފެށުނު ބިރުގެންނެވުމުގެ ފިކުރެވެ. މުސްލިމެއްގެ ގޮތުގައި ހުރި އެންމެ މީހަކު ދިން ހަމަލާއެއްގެ ސަބަބުން 1.3 ބިލިއަން މުސްލިމުންނާއި އިސްލާމްދީން ބަދުނާމުކޮށްގެން ޓެރަރިސްޓް ހަމަލާދޭއިރު، ޓެރަރިޒަމްއަކީ އެއްވެސް ދީނެއް ދަންނަ ބަޔަކު ހިންގާނެ އަމަލެއް ނޫންކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

ކްރައިސްޓްޗާޗުގެ މިސްކިތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލިކަމުގެ ޚަބަރެއް ކަށަވަރުކުރެވިފައެއް ނުވެއެވެ.