ނިއުޒީލަންޑްގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތެއްގައި އަޅުކަން ކުރަންތިބި ބަޔަކަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކުގައި މަރާލި މީހުންގެ އަދަދު 49 އަށް އަރައިފިއެވެ.

މި ހަމަލާތަކުގައި 20 މީހަކު ޒަހަމްވެފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ ހަމަލާ ދިންކަމަށް ބުނާ މީހުންގެ ތެރެއިން އެކަކީ އޮސްޓްރޭލިއާގެ ރަށްވެހިކަން އޮންނަ މީހެއް ކަމަށާ، އެމީހަކީ ކަނާތު ފިޔައިގެ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ހަނގުރާމަވެރިއެއް ކަމަށެވެ.

މި ހަމަލާތަކާއި ގުޅިގެން، 3 ފިރިހެނަކާއި އަންހެނަކު ނިއުޒީލަންޑްގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި ހަމަލާއަކީ ދުރާލާ ރާވައިގެން ދީފައިވާ ވަރުގަދަ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބެލެވެއެވެ.

ކަންމިހެންއޮތްއިރު މީގެ ތެރެއިން އެކަކީ ހަމަލާތަކުގައި ބައިވެރިވި މީހެއް ނޫންކަމަށް ނިއުޒީލަންޑްގެ ޕޮލީސް ކޮމިޝަނަރު މައިކް ބުޝް މިހާރު ވަނީ ވިދާޅުވެފައެވެ. ދެން ތިބި މީހުންނަކީ އެއް ބަޔަކު އަނެއް ބަޔަކާއި ގުޅިފައިވާ ބައެއްކަން ނުވަތަ ނޫންކަން އަދި ކުށަވަރު ކުރެވިފައެއް ނުވެއެވެ.

ހުކުރު ދުވަހުގެ މި ހަމަލާތަކަކީ ނިއުޒީލަންޑްގެ ތާރީހުގައިވެސް އެގައުމުގައި ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާތަކެވެ.

ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްގެ މިސްކިތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ، އެކި ވަރުގެ ޒަހަމްތައްވެފައިވާއިރު އެ ސަރަހައްދުގައި ދިރިއުޅެމުންދާ ދިވެހިންގެ ހާލު ޖުމުލަ ގޮތެއްގައި ރަނގަޅު ކަމަށް ޚަބަރު ލިބެއެވެ.