ކުރިއަށް އޮތް އާންމު އިންތިހާބުގެ ވޯޓަށް ފަހު، އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ހެޔޮފާލަކަށް އެޅިގެންދާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުން ވީސާ ދޫކުރާ އުސޫލުތަކަށް އިސްލާހީ ބަދަލުތަކެއް ގެންނަވާ، އެކަން އިއުލާންކުރައްވަމުން އިމްރާން ވިދާޅުވީ، ސުލްހައާއި ކުރިއެރުމަށްޓަކައި އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު ޕާކިސްތާނުން މިހާރު އަޅާފައިވާކަމަށެވެ.

ޕާކިސްތާނަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، އިންވެސްޓަރުންގެ ސަމާލުކަން ހޯދުމަށްޓަކައި ޕާކިސްތާނުންވަނީ އެގައުމުގެ ވީސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ލުއި ފަސޭހަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، އޮންލައިންކޮށް ވީސާ ހޯދުމުގެ ލުއިފަސޭހަކަން ބައެއް ގައުމުތަކަށް ވަނީ ހަމަޖައްސާދީފައެވެ.

އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު ފަށާއިރު، ވޯޓުގުނަން ހަމަޖެހިފައިވަނީ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. އިންޑިއާގައި މިފަހަރު އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންދާނީ އިލެކްޓްރޯނިކް ވޯޓިންގް ނިޒާމުތައް މެދުވެރިކޮށެވެ.