އިންޑިއާގެ ފިލްމްސިޓީ މުމްބާއީގެ މައި ރޭލު ސްޓޭޝަންއާއި މަގެއް ގުޅާލަދޭ ބްރިޖެއް ވެއްޓި 6 މީހުން މަރުވެ، 30 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

ވެއްޓުނު ބްރިޖަކީ މަރާމާތު ކުރުމުގެ މަސައްކަތްތަކެއްވެސް ކުރިއަށްދާ ބްރިޖެއް ކަމަށާއި، ބްރިޖު ވެއްޓިފައިވަނީ ރޭލަށް އަރަން މީހުން އެންމެ ގިނަވި ވަގުތުގައި ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މުމްބާއީ ފުލުހުންގެ ތަރުޖަމާނު މަނޖުނާތު ސިންގް ވިދާޅުވީ، މަރުވި މީހުންގެ ތެރޭގައި 3 އަންހެނަކު ހިމެނޭ ކަމަށާއި، ޒަހަމްވީ މީހުންނަށް އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށެވެ.

މިހާދިސާއާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވީ، މި ޚަބަރާއިއެކު ފުން ހިތާމައެއް ލިބިވަޑައިގެންފައި ވާކަމަށާއި، މި ހާދިސާގެ ޝިކާރައަކަށްވީ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

ސްޓޭޓް އެޑިއުކޭޝަން މިނިސްޓާ ވިނޯދު ތޯވްދީ ވިދާވީ ބުރިޖުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރީ މިދިޔަ އަހަރު ކަމަށާއި، ބްރިޖުން ކުދިކުދި މައްސަލަތަކެއް ފާހަގަވިއިރު، އެކަންކަން އަދި ހައްލުކޮށްފައި ނުވާ ކަމަށެވެ.

އިންޑިއާގެ ރޭލް ސްޓޭޝަންތަކަކީ ދުވާލެއްގެ މައްޗަށް އެތައް މިލިއަން ބަޔަކު ބޭނުންކުރަމުންދާ ތަންތަނަށް ވީ ނަމަވެސް، އެތަންތަނުގައި އެކަށީގެންވާ މިންވަރަށް ސަލާމަތްތެރިކަން ނެތްކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ސުވާލު އުފައްދާ، ކަންބޮޑުވުންފާޅުކުރަމުންނެވެ.