ނިއުޒީލަންޑްގެ ކްރިސްޓްޗާޗްގައި ހުރި ދެ މިސްކިތަކަށް، ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަދެ ހަމަލާދީ 40 މީހުން މަރާލައި 20 މީހުން ޒަހަމް ކޮށްލި ހާދިސާގައި އެތާނގައި ދިރިއުޅޭ ދިވެއްސަކަށް ކަމެއް ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެހާދިސާގައި އެތާނަގައި ދިރިއުޅޭ ދިވެއްސަކު މަރުވެ ނުވަތަ ޒަހަމްވެފައި ނުވާކަމަށެވެ.

ހަތިޔާރު އަޅައިގެން ތިބި މީހުން ދެ މިސްކިތަށް ހަމަލާ ދިން އިރު މިސްކިތްތަކުގައި ގިނަ ބަޔަކު ތިބި ކަމަށް ހަބަރުތައް ބުނެއެވެ. މިހާދިސާގައި އަލް ނޫރު މިސްކިތުން 30 މީހުން މަރުވެފައި ވާއިރު ލިންވްޑް މިސްކިތުން 10 މީހުން ވަނީ މަރުވެފައެވެ.

މަސްޖިއްދުއްނޫރަށް ހަމަލާ ދިން ވަގުތު އެ މިސްކިތުގައި ހުރި މީހަކު ކިއާދީފައި ވާ ގޮތުގައި ހަމަލާ ދީފައިވަނީ ކަޅުހެދުމެއް ލައިގެން ހުރި މީހަކެވެ. ހަމަލާ ދިން މީހާ ހުރީ ހެލްމެޓެއްވެސް އަޅާފައި ކަމަށާއި، ހަމަލާ ދީފައިވަނީ މިސްކިތުގެ ވަލު ދޮރާށިން ވަދެ، އޮޓޮމެޓިކް މެޝިން ބަޑިއެއް ބޭނުންކޮށްގެން ކަމަށްވެސް އޭނާ ވަނީ ބައިނަލްއަގުވާމީ މީޑިއާއަށް ކިއާދީފައެވެ.

ލިންވުޑް މިސްކިތަށްވެސް ހަމަލާ ދީފައިވާއިރު، މި ހަމަލާ ދީފައިވަނީ ހުކުރު ނަމާދު ވަގުތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ނިއުޒީލަންޑްގެ ޕޮލީސް ކޮމިޝަނަރު މައިކް ބުޝް ވިދާޅުވީ، މި ހަމަލާތަކާއި ގުޅިގެން 3 ފިރިހެނުންނާއި 1 އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާގެ ރައްޔިތަކު ހިމެނެއެވެ.

ކްރިސްޓްޗާޗްގައި ދިރިއުޅުމުންދާ މީހުން ވީވަރަކުންވެސް ގޭތެރޭގައި ތިބުމަށާއި، އަޅުކަން ކުރުމަށް މިވަގުތު މިސްކިތްތަކަށް ނުދިއުމަށްވެސް ނިއުޒީލަންޑްގެ ކަމާއި ބެހޭ ފަރާތްތަކުންވަނީ އިރުޝާދު ދީފައެވެ.