މޫސުމީ ނޭދެވޭ ބަދަލުތަކާއި ދެކޮޅަށް ވަރުގަދަ ހަރަކާތެއް ފަށާ، ބައިނަލްއަގުވާމީ ސަމާލުކަން ހޯދި ނޯވޭގެ ދަރިވަރު ގްރެޓާ ތުންބާގްގެ ނަން، 2019 ވަނަ އަހަރުގެ ނޮބެލް ސުލްހައިގެ އިނާމަށް ނޮމިނޭޓްކޮށްފިއެވެ.

އުމުރުން އެންމެ 16 އަހަރުގެ ގްރެޓާގެ ނަން، ނޮބެލް ސުލްހައިގެ އިނާމަށް ނޮމިނޭޓްކޮށްފައިވަނީ، ނޯވޭގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 3 މެމްބަރެއްގެ މަސައްކަތްޕުޅުން ކަމަށް ޚަބަރު ލިބެއެވެ.

މިއަހަރުގެ ނޮބެލް ސުލްހައިގެ އިނާމް ގްރެޓާއަށް ކަށަވަރުވެއްޖެނަމަ އޭނާ ވަނީ، މި އިނާމު ހާސިލުކުރި އެންމެ ހަގު ޝަހްސަށެވެ. މި ރެކޯޑް މިވަގުތު އޮތީ، އުމުރުން އެންމެ 17 އަހަރުގައި ނޮބެލް ސުލްހައިގެ އިނާމު ހާސިލުކުރި މަލާލާ ޔޫސުފް ޒާއީގެ އަތުގައެވެ.

ނޮބެލް ސުލްހައިގެ އިނާމަށް އޭނާގެ ނަން ނޮމިނޭޓްވުމާއިއެކު ގްރެޓާ ވަނީ، އެކަމާއި އޭނާ ފަހްރުވެރިވާކަން ހާމަކޮށް، ޓުވީޓެއްވެސް ކޮށްފައެވެ.