ހަފުތާއެއްގެ ކެއުމުގައި 2 ފަހަރަށްވުރެ ގިނައިން މަޝްރޫމްސް ބޭނުންކުރާނަމަ، އުމުރުން 60 އަހަރަށްވުރެ ދޮށީވުމުން އާންމުކޮށް ކުރިމަތިވާ ހަނދާން ނެތުމާއި، ވާހަކަ ދައްކާ އުޅުމަށް އުނދަގޫވުން ފަދަ ކަންކަން މެދުވެރިވާ މިންވަރު ދަށްކޮށްދޭ ކަމަށް ދިރާސައަކުން ދައްކައިފިއެވެ.

ސިންގަޕޫރުގައި ކުރި މި ދިރާސާ ބުނާ ގޮތުގައި، މަޝްރޫމްސްގައި އެކުލެވޭ އާދަޔާ ހިލާފު އެންޓިއޮކްސިޑަންޓް މާއްދާއެއްގެ ސަބަބުން، ސިކުނޑިއަށް އެދެވޭ ހިމާޔަތެއް ހޯދާދެއެވެ. މީގެ އިތުރުން މަޝްރޫމްސް ކޭ ވަރަކަށް، އެކި ކަހަލަ ޓެސްޓުތަކުން އެމީހުންނަށް ލިބުނު ނަތީޖާ ރަނގަޅުވަމުންދިޔަ ކަންވެސް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

ކަންމިހެންއޮތް ނަމަވެސް، މަޝްރޫމްސްއާއި ސިކުނޑީގެ މަސައްކަތްތެރިކަމާއި ދެމެދު އޮތް ސީދާ ގުޅުން، މި ދިރާސާ ޓީމަށް އަދި ހޯދިފައެއް ނުވެއެވެ.

ޔުނިވާސިޓީ އޮފް ސިންގަޕޯއިން ކުރި މި ދިރާސާގައި ބައިވެރިކޮށްފައިވަނީ، ޗައިނާއަށް ނިސްބަތްވާ، އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ 663 މީހެކެވެ. މި ދިރާސާ ކުރުމަށްޓަކައި، އެމީހުން ކައި އުޅުނު އެއްޗިއްސާއި، އާންމު ދިރިއުޅުމުގެ އާދަތައް ހުރި ނެތް ގޮތް، 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ދެމެދު ފާއިތުވީ މުއްދަތުގެ ތެރޭގައި ވަނީ ބަލާފައެވެ.

މި ދިރާސާ އާންމުކޮށްފައިވަނީ ދަ ޖާނަލް އޮފް އަލްޒައިމާޒް ޑިޒީޒްއިންނެވެ.