ހުޅުޖެހުމާ ގުޅިގެން ހިނގި ހަމަނުޖެހުމުގައި ދައުވާކުރި މީހުންގެ ތެރެއިން އައްޑޫ 70 މީހުންގެ މައްސަލަ ރިވިއު ކުރަން ހުށަހަޅައިފިއެވެ.
މިކަމަކީ 2012 ވަނަ އަހަރު ފެބްރުއަރީ ހަތްވަނަ ދުވަހު، އޭރު އޮތް އެމްޑީޕީގެ ސަރުކާރު ވެއްޓުމުން ޖެހިގެން އައި ފެބްރުއަރީ 8 ވަނަ ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި ބައެކެވެ. މި މައްސަލައިގައި ޓެރަރިޒަމްގެ އަމަލު ހިންގި ކަމަށް ބުނެ އައްޑުއަތޮޅުން 70 މީހެއްގެ މައްޗަށް ދައުވާކޮފައި ވެއެވެ. މި މީހުންގެ މައްސަލަ މުރާޖައާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އިއްޔެ އެމްޑީޕީން ވަނީ ހުށަހަޅާފައެވެ.
މި މައްސަލަތައް މުރާޖައާ ކުރުމަށް ހުށަހެޅީ މި 70 މީހުންގެ ދައުވާ އެމީހުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެމީހުނަށް އެއްމެ ލުއި އަދަބު ކަނޑަނޭޅޭނެތީ ކަމަށް އެމްޑީޕީން ބުނެއެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ 7 އާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާ ކޮށްފާވަނީ އައްޑޫން 70 މީހެއްގެ މައްޗަށާއި ގދ.ތިނަދޫން 94 މީހެއްގެ މައްޗަށް އަދި ލ.އިސްދޫގެ ހަތަރު މީހެއްގެ މައްޗަށެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ދަޢުވާ ކޮށްފައިވަނީ ހއ.އިހަވަންދޫގެ 22 މީހަކާއި، ރ.އަލިފުށިން ހަތަރު މީހަކު އަދި ހއ. ދިއްދޫން އަށް މީހަކާއި ބ.ތުޅާދޫން ހަތަރު މީހެއްގެ އިތުރުން އަދިވެސް އެތައް ބަޔަކަށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ދަޢުވާ ކޮށްފައިވެއެވެ. މީގެ ތެރެއިން ގިނަ ދަޢުވާތައް ވަނީ އަނބުރާ ގެންގޮސްފައެވެ.