ސައުދީ އަރަބިއްޔާ އިސްވެ އޮވެ ޔަމަނުގައި ހަނގުރާމަކުރަމުންދާ އަސްކަރީ ކޯލިޝަނަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް ބާރުދޭ ބިލް ފާސްކުރުމަށް، ވެރިކަން ކުރާ ރިޕަބްލިކަންސްގެ ބާރު އޮންނަ އެމެރިކާގެ ސެނެޓް ނުވަތަ ގާނޫނުހަދާ މަޖިލީހުގެ މަތިގެއިން ނިންމައިފއެވެ.
ރިޕަބްލިކަންސްއާއި އިދިކޮޅު ޑިމޮކްރަޓުންގެ ތާއީދުވެސް ލިބިފައި އޮތް މި ބިލް ފާސްކުރުމަށް 54 މެމްބަރަކު ވަނީ ތާއީދު ކުރައްވާފައިއެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން މިފަދަ ބިލެއް ފާސްކުރި ކަމުގައި ވީނަމަވެސް، އެ ބިލެއް ތަސްދީގު ނުކުރައްވާ، ވީޓޯ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
2015 ވަނަ އަހަރު ޔަމަނުގައި ފެށި ދާހިލީ ހަނގުރާމައިގެ ތެރެއަށް ސައުދީ އިސްވެ އޮވެ އެކުލަވާލި އަސްކަރީ ކޯލިޝަނަކުން ވަދެ، އިދިކޮޅު ހޫތީ ހަނގުރާމަވެރިންނާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިންގަން ފެށިފަހުން ޔަމަނުން އެތައް ހާސް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މީގެ އިތުރުން އެގައުމުގެ އެތައް މިލިއަން ބަޔަކު މިއަދު ވަނީ ބަނޑަށްޖެހިފައެވެ.
ޔަމަނު ހަނގުރާމައިގައި ސައުދީ ކޯލިޝަނަށް ބޭނުންވާ ހަތިޔާރު ވިއްކަނީ އެމެރިކާއިން ކަމަށްވާއިރު، އެމެރިކާ އަސްކަރިއްޔާއިން ދަނީ ކޯލިޝަންގެ ޑްރޯން ހަމަލާތަކަށް ބޭނުންވާ ޖާސޫސީ އަދި ލޮޖިސްޓިކްސް މައުލޫމާތު ފޯރުކޮށްދެމުންނެވެ.
ސެނެޓްގެ މިނިންމުމަކީ ރައީސްއެއްގެ ހައިސިއްޔަތުން ޔަމަނު ހަނގުރާމަ ކުރިއަށް ގެންދިއުމަށް ޓްރަމްޕަށް ލިބިވަޑައިގެންފައިވާ ރިޔާސީ ބާރުތައް 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އުވާލުމަށް ބާރުދޭ ފިޔަވަޅެކެވެ.