ދުނިޔޭގެ އެކި ހިސާބުތަކުގައި އޮޕަރޭޓް ކުރަމުންދާ ބޮއިންގް 737 މެކްސް މަރުކާގެ ހުރިހާ މަތިންދާބޯޓުތަކެއް ގްރައުންޑުކޮށްފިއެވެ.

މަތިންދާބޯޓު އުފެއްދުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެމެރިކާގެ ކުންފުނިން ބޮއިންގްއިން މިކަން މިގޮތަށް ނިންމާފައިވަނީ އާދީއްތަ ދުވަހު އިތިއޮޕިއާއިން ފުރައިގެން ކެންޔާއަށް ދަތުރުކުރަމުންދިޔަ ބޮއިންގް 737 މެކްސް 8 މަރުކާގެ މަތިންދާބޯޓު ވެއްޓި، އެއިން ދަތުރުކުރި ހުރިހާ އެންމެން މަރުވި ހާދިސާގެ ތަހުގީގުތަކާއި ގުޅިގެންނެވެ.

737 މެކްސް މަރުކާގެ ހުރިހާ ބޯޓެއް ގްރައުންޑް ކޮށްފައިވަނީ، އާދީއްތަ ދުވަހުގެ ހާދިސާ ހިނގި ސަރަހައްދުން ލިބުނު އާ ހެއްކަކާ ސެޓެލައިޓް ފޮޓޯތަކުން ލިބުނު ހެކިތަކާއި ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި، މި މަރުކާގެ 371 ބޯޓެއް ދަނީ ބޭނުންކުރަމުންނެވެ.

އާދީއްތަ ދުވަހުގެ ހާދިސާގައި، އިތިއޮޕިއަން އެއާލައިންސް ފްލައިޓް އީޓީ 302 އިން ދަތުރުކުރި 157 މީހުންގެ ފުރާނަ ގެއްލިފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު އިންޑޮނޭޝިއާގެ ޖާވާ ކަނޑަށް ހަމަ މިމަރުކާގެ ބޯޓެއް ވެއްޓި، އެ ބޯޓުން ދަތުރުކުރި 189 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ބޮއިންގް 737 މެކްސް މަރުކާގެ މަތިންދާބޯޓު ދުއްވާ ގިނަ އަދަދެއްގެ ޕައިލެޓުންވެސް ވަނީ ބޯޓު ކޮންޓްރޯލް އުނދަގޫވާކަމުގެ ޝަކުވާތަކެއް މީގެ ކުރިންވެސް ފެންމަތިކޮށްފައެވެ.

737 މެކްސް މަރުކާގެ ފްލީޓް ގްރައުންޑްކުރި ނަމަވެސް، ބޯޓުގެ ސަލާމަތްތެރިކަމާއި މެދު ކުންފުނީގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް ބޮއިންގް ކުންފުނިން އަދިވެސް ދަނީ ބުނަމުންނެވެ. އަދި ފްލީޓް އެއްކޮށް ގްރައުންޑްކުރީ، ވައިގެ އުދުހުންތަކުގެ ސަލާމަތްތެރިކަން ފަސެންޖަރުންނަށް އިތުރަށް ކަށަވަރުކޮށްދިނުމަށް ކަމަށްވެސް ބޮއިންގް ކުންފުނިން ވަނީ ބުނެފައެވެ.