ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލުކޮށްފިއެވެ. ކަރެކްޝަނުން ބުނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރީ، އެމަނިކުފާނު ބަލި ހާލަތު ހުރި ގޮތުން ގެއަށް ބަދަލު ކުރުމަށް ޑޮކްޓަރުން ލަފާ ދީފައިވާތީ ކަމަށެވެ.
"ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ބަލިހާލަތު ހުރިގޮތުން ޑޮކްޓަރު ދީފައިވާ ލަފަޔާއި އެއްގޮތަށް މިރޭ ވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރެވިފައި" ކަރެކްޝަންގެ ބަޔާނުގައި ވެއެވެ.
ކަރެކްޝަނުން ބުނެފައިވާގޮތުގައި ޔާމީން ގޭބަންދަށް ބަދަލު ކުރެވުނީ ގޭބަންދުގައި ހުންނަވާ އިރު އަމަލުކުރައްވަން ޖެހިވަޑައިގަންނަވާ ޝަރުތުތަކެއް ކަނޑައެޅުމަށް ފަހުގައެވެ. އަދި ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމްވެސް އެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފަ އެވެ.
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝާރީއަތް ނިމެންދެން ޖަލުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރީ 18 ފެބުރުއަރީގައެވެ. ރައީސް ޔާމީނު މާފުށީ ޖަލަށް ބަދަލު ކުރި ބަލި ހާލަތު ހުރި ގޮތުން ގިނަ ދުވަހު ޔާމީން ހޭދަ ކުރެއްވީ ހޮސްޕިޓަލުގައެވެ. ތިން ފަހަރެއްގެ މަތިން ހޮސްޕިޓަަލަށް ގެންގޮސް ވަނީ އެޑްމިޓްކޮށްފަ އެވެ.