ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހްމަދު ނަސީރު މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ދަޕްރެސް' އަށް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.
އެމްއެމްއޭގެ ގަވަރުނަރު ފުލުހުންގެ އިދަރާއަށް ހާޒިރުވާން އަންގާފައި ވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. އަދި އޭނާ އެއިދާރާއަށް ހާޒިރުވާން އަންގާފައިވަނީ ކޮން ވަގުތަކު ކަމެއް ވެސް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅުން ހުރި އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމަ ކުރެވެން ނެތް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ބޭންކް އެކައުންޓަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން، މިދިޔައަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އޭސީސީއަށް ހުށައަޅާފައިވެއެވެ. އަދި ޔާމީންގެ ބޭންކް އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލަ އެމަހުގެ 13 ވަނަ ދުވަހު ހުށައަޅާފައިވެއެވެ.