ގެސްޓްހައުސް ވިޔަފާރިއަށް ވުރެ ރަލުގެ ވިޔަފާރީގެ ފައިދާ ބޮޑުކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އެބަ ދެއެވެ.

އއ ތޮއްޑޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ދީނީ އިލްމުވެރިޔާ އިލްޔާސް ހުސައިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރަލުން ލިބޭ މަންފާ އަށް ވުރެ ލިބޭ ފާފަ ބޮޑުކަމަށް ﷲ ވަހީކުރައްވާފައިވާ ކަމަށެވެ.

އަދި ޑރ މުހައްމަދު އިޔާޒް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ފަތުރަމުން ގެންދާ ފިކުރުތަކަކީ އިންތިހާއަށް ނުރައްކާތެރި ފިކުރުތަކެއް ކަމަށާއި މި ނުރައްކަލުން ސަލާމަތްވުމަށް ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ ނަގަން ޖެހޭކަމަށެވެ.

ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ދުނިޔޭގައި ހުންނަ ބައެއް ހަގީގަތްތަކުގެ ތެރެއިން އެއް ހަގީގަތަކީ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެއްޗަކީ ސެންޓާއި ޗޮކްލެޓާއި ރަލާއި ސިގިރޭޓް ކަމަށެވެ.

އަދި މި އެއްޗެހިން ވިޔަފާރި ކޮށްގެން އިންތިހާއަށް ފައިދާ ބޮޑުވާނެ ކަމާއި މުއްސަދިވާނެކަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ގެސްޓް ހައުސް ވިޔަފާރި އަކީ ދިވެހިރާއްޖޭގައި ރަނގަޅަށް ހިންގެނޭ ވިޔަފާރިއެއް ކަމަށާއި އަދި އެ ވިޔަފާރިން ފައިދާ ނެގޭނެ ކަމަށެވެ.

ނަމަވެސް ނަޝީދުގެ ވާހަކަފުޅުގައި ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގެ ތެރެއަށް ސީދާ ރާ ވައްދާ ވާހަކަ ވިދާޅުވެފައެއް ނުވެއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިސްޓް ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވަނީ 2009 ވަނަ އަހަރުއެވެ. މިހާރު ރާއްޖޭގައި ޖުމްލަ 509 ގެސްޓްހައުސް ހިންގައެވެ.