އަލްއަޤްޞާ މިސްކިތުގެ ސަރަހައްދަށް ވަދެވެން އޮތް ހުރިހާ މަގެއް އިސްރާއީލުން ބަންދުކޮށްފައި ވާކަމަށް ފަލަސްޠީނުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ޤުދުސްގެ ރިލިޖަސް އެންޑޯމަންޓްސް އޮތޯރިޓީގެ ތަރުޖަމާނު، ފިރާޒް އަލް-ދީބްސް ވިދާޅުވީ، އިސްރާއީލުގެ ގިނަ އަދަދެއްގެ ފުލުހުންތަކެއް އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ގަދަކަމުން ވަދެގަނެ، ހަމަލާ ދީފައިވާކަމަށެވެ. ހަމަލާ އަމާޒުވި ބޭފުޅުންގެ ތެރޭގައި އަލްއަޤްޞާ މިސްކިތުގެ ޑައިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އުމަރު ކިސްވާނީއާއި ޤުދުސްގެ އިސްލާމީ ކޯޓުތަކުގައި ފަންޑިޔާރުކަން ކުރައްވަމުން ގެންދަވާ ޝައިހު ވާސިފު އަލް-ބަކްރީވެސް ހިމެނިވަޑައިގަންނަވާކަމަށް އަލް-ދީބްސް ވަނީ ވިދާޅުވެފައެވެ.

އަލް-ދީބްސް އިތުރަށް ވިދާޅުވީ، އަލްއަޤްޞާ މިސްކިތުގެ ސަރަހައްދުގައި އަޅުކަން ކުރަންތިބި ގިނަ އަދަދެއްގެ ބަޔަކަށްވެސް އިސްރާއީލުގެ ފުލުހުން ހަމަލާ ދީފައިވާ ކަމަށާއި، އިސްރާއީލު ފުލުހުން މިސްކިތުގެ ސަރަހައްދަށް ވަދެގަނެފައިވަނީ މުގުރުވެސް ހިފައިގެން ކަމަށެވެ.

ފަލަސްޠީނުގެ 5 މީހަކު އިތުރު ތަހުގީގަށް ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތު ލިބޭއިރު، މި ހަމަނުޖެހުން ހިންގާފައިވަނީ، އަލްއަޤްޞާ މިސްކިތުގެ ތެރޭގައި ހުންނަ އިސްރާއީލުގެ ފުލުހުންގެ މަރުކަޒަކަށް އަމާޒުކޮށް ބަޔަކު ގޮވާ އެއްޗެއް އެއްލުމާއި ގުޅިގެން ކަމަށް އިސްރާއީލުން ދަނީ ބުނަމުންނެވެ.

ދީނީ އަޅުކަންކުރާ ތަންތަނުގައި މިފަދަ ހަމަނުޖެހުންތައް ހިންގުން ކުށްވެރި ފަލަސްޠީނުގެ ސަރުކާރުން ބަޔާނެއް އާންމުކޮށްފައިވާއިރު، އިސްރާއީލުގެ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.