ޕުލްވާމާ ހަމަލާއާއި ގުޅިގެން އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ނުތަނަވަސްވެފައިވާ ގުޅުންތައް އިތުރަށް ގޮސްވެގެންދާނެ ފުރުސަތެއް ނެތް ކަމަށް ޕާކިސްތާނު ސަރުކާރުން ހެދި ދާހިލީ އެސެސްމަންޓަކުން ދައްކައިފިއެވެ.
އިންޑިއާއާއި ޕާކިސްތާނުގެ ގުޅުމާއި ބެހޭ އެންމެފަހުގެ ތަފްސީލުތައް ފޯރުކޮށްދިނުމަށް ކުރިއަށްދިޔަ ބައްދަލުވުމެއްގައި ހިއްސާކުރި ރިޕޯޓް ބުނާ ގޮތުގައި، ދެގައުމުގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަން މިހާރު ވަނީ ކުޑަވާން ފަށާފައެވެ. އެގޮތުން އިންޑިއާއިން ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށް ޕާކިސްތާނުގެ ކަމާއި ބެހޭ ފަރާތްތަކަށް ލަފާނުކުރެވޭކަމަށް މި ރިޕޯޓްގައި ފާހަގަކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.
އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ދެންމެދެންމެ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައި އޮތީ، ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާގައި ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެންދިން ބޮމުގެ ހަމަލާއެއްގައި އިންޑިއާގެ 40 އަށްވުރެ ގިނަ ޕެރާމިލިޓްރީ ފުލުހުން މަރުވިއިރު، މި ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ޖާއިޝީ މުޙައްމަދަށް ނިސްބަތްވާ ހަނގުރާމަވެރިއެއްކަން ހާމަވި ހިސާބުންނެވެ. މި ހަމަލާއާއިއެކު ޕާކިސްތާނުން ޓެރަރިޒަމް ނައްތާލުމުގެ ނަމުގައި އިންޑިއާގެ ވައިގެ އަސްކަރިއްޔާއިން ހަރަކާތްތަކެއް ހިންގިއިރު، ދެކުނު އޭޝިއާގައި ނިއުކްލިއާ ބާރުވެރިކަން ލިބިފައި އޮތް، ޒަމާންވީ ދެ ހަތުރުންގެ މެދުގައި ވަރުގަދަ ހަނގުރާމައެއް ފެށިދާނެތީ ބައިނަލްއަގުވާމީ މަސްރަހު އޮތީ ނުތަނަސްކަމެއްގެ ތެރޭގައެވެ.
އިންޑިއާއާއި މެދު ޕާކިސްތާނުން ދެކެމުން އައި ހަރުކަށި ނަޒަރު ބަދަލުވެފައިވަނީ އިންޑިއާއާއި ޕާކިސްތާނުގެ މަސްރަހު ފިނިކުރުމަށް ބައިނަލްއަގުވާމީ ފެންވަރެއްގައި ޑިޕްލޮމެޓުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ޕާކިސްތާނުގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާއާއި ޕާކިސްތާނުގައި ހުންނަ ދެގައުމުގެ ހައި ކޮމިޝަންތަކުގެ މަސައްކަތްތައްވެސް މިހާރު ވަނީ އަލުން ފަށާފައެވެ.