މާ ބޮޑު އެއްބަސްވުމަކަށް ނާދެވުނު ކަމުގައިވީނަމަވެސް، ހިސާބެއްގެ ކުރިއެރުންތަކަކާއެކު އެމެރިކާއާއި ތޯލިބާނު ހަނގުރާމަވެރިންނާއި ދެމެދު ދޯހާގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިންމާލައިފިއެވެ.

16 ދުވަހުގެ މުއްދަތަށް ދެމިގެންދިޔަ މިމަޝްވަރާތަކަކީ އެމެރިކާއާއި ތޯލިބާނުގެ ހަނގުރާމަވެރިންނާއި ދެމެދު ކުރިއަށްދިޔަ އެންމެ ގިނަ ވަގުތަށް ދެމިގެންދިޔަ މަޝްވަރާތަކެވެ.

އެމެރިކާއާއި ތޯލިބާނުގެ ހަނގުރާމަވެރިން ވަކިވަކިން އާންމުކޮށްފައިވާ ބަޔާންތައް ބުނާ ގޮތުގައި، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް އެގައުމުން ފޭބުމާއި، ސަލާމަތާއި ގުޅުންހުރި ކަންކަމާއި ބެހޭ ގޮތުން އެދެވޭ ކުރިއެރުންތަކެއް ވަނީ ހޯދިފައެވެ.

އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސުލްހައިގެ މަންދޫބު ޒަލްމޭ ޚަލީލްޒާދު ވިދާޅުވީ، އެމެރިކާއާއި ތޯލިބާނުންނާއި ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކާއިއެކު، އަފްޣާނިސްތާނުގެ ސުލްހައިގެ މަސްރަހަށް އެދެވޭ ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.

ތޯލިބާން ޖަމާއަތުގެ ތަރުޖަމާނަކު ބުނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބޭރުގެ ފައުޖުތައް އެގައުމުން ފޭބުމާއި، އަފްޣާނިސްތާނުގެ ސަލާމަތާއި ގުޅުންހުރި ކަންކަމުގައި ކަށަވަރު ކުރަންޖެހޭ ބައެއް ކަންކަމަށް އެމެރިކާގެ އެއްބާރުލުން ދިނުމާއި ބެހޭ ގޮތުން ސުލްހައިގެ މަޝްވަރާތަކުގައި ކުރިއެރުން ހޯދިފައި ވާކަމަށެވެ.

ދޯހާގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި އަފްޣާނިސްތާނުގެ ސަރުކާރު ބައިވެރިކޮށްފައި ނުވި ނަމަވެސް، އެ މަޝްވަރާތަކުގެ ކުރިއެރުމާއެކު އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ ހުންނެވީ ހިތްޕުޅު ހަމަޖެހިވަޑައިގެންފައި ކަމަށް އަފްޣާނިސްތާނުގެ ރައީސްގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ.

ކަންމިހެން އޮތްއިރު، އަފްޣާނިސްތާނުގެ ސުލްހައިގެ ކުރިމަގާއި ބެހޭ މާ ބޮޑު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.